ޚަބަރު

ފަތުރުވެރިން ދަތުރުކުރުން ރައްކާތެރި ޤައުމެއްކަން މިންކުރާ "ސްޓޭމްޕް" ރާއްޖެއަށް


ފަތުރުވެރިން ދަތުރުކުރުން ރައްކާތެރި ޤައުމެއްގެ ގޮތުގައި ކަނޑައަޅާ ވޯލްޑް ޓްރެވަލް އެންޑް ޓުއަރިޒަމް ކައުންސިލުން ދޭ "ސޭފް ޓްރެވަލް ސްޓޭމްޕް" ރާއްޖެއަށް ލިބިއްޖެއެވެ. ޔުނަައިޓެޑް ނޭޝަންސް ވޯލްޑް ޓުއަރިޒަމް އޮގަނައިޒޭޝަންގެ ޓުއަރިޒަމް ކައުންސިލުން ތަޢާރަފްކުރި "ސޭފް ޓްރެވަލް ސްޓޭމްޕް"އަކީ ކޯވިޑް-19ގެ ޙާލަތުގައި ފަތުރުވެރިން ދަތުރުކުރުން ރައްކާތެރި ޤައުމުތައް ކަނޑައަޅައި މިންކުރުމަށްދޭންފެށި ސްޓޭމްޕެކެވެ.

މި ސްޓޭމްޕް ރާއްޖެއަށް ލިބިފައިވަނީ ސިއްޙީ ގޮތުންނާއި، އަދި ބަލިން ރައްކާތެރިވުމަށް އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. މިފަދަ ސްޓޭމްޕެއްގެ އެންމެ ބޮޑު ބޭނުމަކީ ފަތުރުވެރިން ރާއްޖެއާއިމެދު އޮންނަ އިތުބާރު ބޮޑުވެ، ޚާއްސަކޮށް މިފަދަ ހަލެއްގައި ދަތުރުކުރުން އެންމެ ރައްކާތެރި ޤައުމެއްގެ ޔަގީންކަން ދިނުމެވެ. އަދި ފަތުރުވެރިކަމަށް އަލުން ހުލުވާލިއިރު ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކަކީ ބަލިން ރައްކާތެރިވެވޭނެހެން، ސިއްޙީ ގޮތުން ރައްކާތެރި ފިޔަވަޅުތައްކަން ބުނެދިނުމެވެ. މީގެއިތުރަށް ދުޅަހެޔޮ މާޙައުލެއް ފަތުރުވެރިންނަށް ރާއްޖޭގައި އޮތްކަން ބުނެދިނުމެވެ.

މިއީ ބައިނަލްއަޤްވާމީ ފެންވަރުގައި މިގޮތަށް ދޭންފެށި ފުރަތަމަ "ސޭފް ޓްރެވަލް ސްޓޭމްޕް"އެވެ. މި ސޭފްޓީ ސްޓޭމްޕްވަނީ ވޯލްޑް ޓުއަރިޒަމް އޮގަނައިޒޭޝަންގެ އިތުރުން 200ޓްރެވަލް ކޮމްޕެނީއަކުން އެންޑޯޒްކޮށްފައެވެ. މިހާރުވެސް ދުނިޔޭގައި ފާހަގަކޮށްލެވޭ ފަތުރުވެރިކަމުގެ ބޮޑެތި މާކެޓްތަކުންވެސްދަނީ މި "ސޭފް ޓްރެވަލް ސްޓޭމްޕް" ހޯދަމުންނެވެ.

ކޯވިޑް19އާ ގުޅިގެން މަހަކަށްވުރެ ދިގު މުއްދަތަކަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، ބޯޑަރު ހުޅުވާލައި ފަތުރުވެރިކަން އަލުން ހުޅުވާލާފައިވަނީ ޖުލައި 15ގައެވެ. ރާއްޖޭގެ އެއަރޕޯޓްތަކަކީވެސް ދަތުރުކުރުން އެންމެ ރައްކާތެރި އެއަރޕޯޓްކަން ކަނޑައަޅައި ބައިނަލްއަޤްވާމީ މިންކުރުމެއް ވެލާނާ އިނޓަރނޭޝަނަލް އެއަރޕޯޓަށްވަނީ ދާދިފަހުން ލިބިފައެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލައި އަލުން ފަތުރުވެރިކަން ފަށާފައިވަނީ ރައްކާތެރިކަމުގެ ގިނަ ފިތަވަޅުތަކާއިއެކުއެވެ. މީގެ އިތުރުން ރާއްޖޭގެ ރިސޯޓްތައް އާއްމުން ދިރިއުޅޭ ރައްތަކާއި ވަކިން ތަރައްޤީކޮށްފައިވުމީ، ރާއްޖޭއަކީ ފަތުރުވެރިންނަށް އެންމެ ރައްކާތެރި މަންޒިލަށްވާ އެއް ސަބަބެވެ. ކޯވިޑް-19ގެ މި ޙާލަތުގައި ފަތުރުވެރިކަމުގެ ޚިދުމަތް ދެވެނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ޓުއަރިޒަމް މިނިސްޓްރީން ކަނޑައަޅާ ވަކި ގައިޑްލައިންތަކާއި ވަކި ހުއްދަތަކެއް ނަގައިގެންނެވެ.

ފަތުރުވެރިކަމަށް އަލުން ހުޅުވާލާފައިވާއިރު، ރާއްޖެއަކީ އެންމެ ރައްކާތެރި މަންޒިލްކަން ދުނިޔޭގެ މާކެޓަށް އަންގައިދިނުމަށްޓަކައި އެކި ގޮތްގޮތުންދަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން މޯލްޑީވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)އިންވަނީ ޚާއްސަ ކެމްޕެއިންތަކެއްވެސް ފަށާފައެވެ. އޮންލައިންކޮށް ރާއްޖެ މާކެޓް ކުރުމުގެ މަސައްކަތުގައި، ރާއްޖެއަކީ ކޯވިޑް-19ގެ މި ޙާލަތުގައި ދަތުރުކުރުން އެންމެ ރައްކާތެރި ޤައުމުކަމާއި، ކޯވީޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި، ރާއްޖޭގެ ގުދުރަތީ ރީތިމާއި ގުޅޭގޮތުން ފަތުރުވެރިކަމުގެ ބޮޑެތި މާކެޓްތަކާއި މަޢުލޫމާތު ޙިއްސާކުރުމުގެ ވެބިނާތަކެއްދަނީ ވަރަށް ފުޅާދާއިރާއެއްގައި ބާއްވަމުންނެވެ.