ޚަބަރު

ޑިމޮކްރަސީގެ ނިޒާމް ނެގެހެއްޓޭނީ އާންމު ރައްކާތެރިކަން ކަށަވަރު ކުރެވިގެން


މިދަކީ ބައިނަލް އަޤުވާމީ ގޮތުން ފާހަގަކުރާ ޑިމޮކްރަސީ ދުވަހެވެ. ޒަމާނާއި، ވަގުތާއި، ހާލަތަށް ބަލާއިރު މިއަދު ދުނިޔޭގެ އެކި ޤައުމުތަކަށް ޑިމޮކްރަސީއާއި އެކު އައިސްފައިވާ ބޮޑެތި ކުރިއެރުންތައް ދަނީ ފެންނަމުންނެވެ. އެއްބަޔަކަށް ޑިމޮކްރަސީއަކީ ކަމުދާ އެއްޗަކަށް ނުވިޔަސް އަނެއްބަޔަކު ޤަބޫލުކުރާ ގޮތުގައި ޤައުމެއް ކުރިއަރާއި ދިއުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޑިމޮކްރަސީއެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ދިވެހި ރާއްޖެއަކީ ޑިމޮކްރަސީގެ ހަރަކާތްތައް އެންމެ ފުޅާކޮށް ހަމަޖެހިފައިވާ އެއްޤައުމެވެ. ވެރިކަމުގެ ނިޒާމާއި، ޤާނޫނު ހެދުމުގެ ނިޒާމާއި، ޝަރުއީ ނިޒާމަކީ މުޅިން ވަކި ތިން ނިޒާމެއްގެ ތެރެއިން ދަނީ މަސައްކަތް ކުރަމުނެވެ. 2008ވަނަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމް ތަސްދީޤް ކުރެއްވި ފެހި ޤާނޫނު އަސާސީއަކީ މިނިވަންކަމާއި، ހަމަހަމަކާއި އިންސާފު ޤާއިމްކުރުމަށް އެކުލެވިގެންދިޔަ އެންމެބޮޑު އެއް ވަސީލަތްތަކަމުގައި ވަނީ ވެފައެވެ.

މިއަދާއިހަމަޔަށްވެސް ނިޒާމުތައް އެކަށައަޅައި، ޑިމޮކްރަސީގެ މަގުގައި ރާއްޖެ ކުރަމުންދާ ދަތުރުގައި ދިވެހި ވަނީ އެކި ތަޖުރިބާތައް ކޮށްފައެވެ. އެއްވެ އުޅުމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމާއި، ހައްގުތަށް ހޯދުމަށް ވަކާލާތުކުރުންފަދަ އެތައްކަމެއް އޭގެ ހައްދެއްނެތް މިންވަރަށް އޮތްކަން މިފަސްގަނޑުގައި ވަނީ ތަޖުރިބާ ކުރެވިފައެވެ. ޑިމޮކްރަސީގެ މި ކުރު ދަތުރުގައި ރާއްޖޭގެ ވެރިކަން 5 ބޭފުޅަކުވަނީ ކުރައްވާފައެވެ. މިއިން ކޮންމެ ވެރިކަމެއްގައިވެސް ފެނިގެން ގޮސްފައިވަނީ ޑިމޮކްރަސީގެ އައު ސަފްހާތަކެއް ދިވެހިން ތަޖުރިބާ ކުރި ދުވަސްތަކެވެ.

ފާއިތުވެރިދިޔަ 14 އަހަރުގެ ތެރޭގައި ދިވެހިން ޑިމޮކްރަސީއަށް ކުރި ދަތުރުގައި ގިނަ ކަންތައްތަކެއް ވަނީ އޮޅުންފިލާފައެވެ. އަދި މިއަދު ދުނިޔެ އޮތް ހާލަތުން ޑިމޮކްރަސީގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ އެކަކު އަނެކެއްގެ ހައްގުތައް ރައްކާތެރިކޮށް އެކަކު އަނެކަކަށް އިހުތިރާމްކޮށް، ރައްކާތެރިކަން ކަށަވަރުކުރުމަށް ކަން މިވަނީ ހާމަވެފައެވެ.

ކޯވިޑް19 އާއިއެކު މުޅި ދުނިޔެ ނުރައްކާތެރި ވިލާގަނޑެއްގެ ދަށުގައި އޮތްއިރު، ދުނިޔެވަނީ ހުއްޓުމަކަށް އައިސްފައެވެ. ދަތުރުފަރާއި، އާންމު ޒަރޫރީ ބޭނުންތައް ފުއްދުމުގައާއި، ވަޒީފާތައް ގެއްލި މަގުމަތިވުމާއި، ޤައުމު ތަކުގެ އިޤްތިޞާދު ބޮޑު އަދަވަޅަކަށް ވެއްޓި، ދުނިޔޭގެ އެންމެ ވަސީލަތްގިނަ ޑިމޮކްރާތީ ޤައުމުތައްވެސް ވަނީ ނުރައްކާތެރި ފަރުވާއެއް ނެތް ބައްޔާއިޖެހި ގޮތް ހުސްވެފައެވެ.

މިއަދުގެ މިހާލަތުގައި ލިބިފައިވާ ޑިމޮކްރެސީގެ ފޮނިމީރުކަން ބޭނުންކުރާއިރު، ޙައްޤުތަކާ އެކުއެކީގައި ޒިންމާތަކެއްވެސް ވާކަން ޤަބޫލުކުރަންޖެހެއެވެ. ތިމާއަށް ލިބޭ ޙައްޤެއް ބޭނުންކުރުމުގައި އަނެކާއަށް ކުރާނޭ އަސަރު ދެނެގަންނަންޖެހެއެވެ. މުޖުތަމައަކީ އެއްބަޔެއްގެ ގޮތުގައި ތަރުބިއްޔަތުވެ، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ކުރުމުގެ ރަނގަޅު ސިފަ މުޖްތަމަޢުގައި އަށަގެންނެވުމަކީ އެންމެންގެ ޛިންމާއެއްކަމުގައި ދެކެން ޖެހެއެވެ.

ސިއްޚީ ހިދުމަތްތެރިންނާއި ވަސީލަތްތަކަށް ބެލިކަމުގައި ވީނަމަވެސް ރާއްޖެއަކީ މިކަމުގައި އެންމެ ބޮޑެތި ގޮންޖެހުން އޮތް ޤައުމެވެ. ބައްޔާއި ދެކޮޅަށް މިހާތަނަށް ލިބިފައިވާ ކާމިޔާބަކީ ސިއްޚީ ހިދުމަތްތެރިންގެ މިންނެތް މަސައްކަތާއިއެކު ރައްޔިތުންގެ އެއްބާރުލުން ލިބިގެން ހޯދިފައިވާ ކާމިޔާބެކެވެ. ބައްޔަށް އޮތް ފަރުވާއަކީ ގައިދުރުކަން އިސްކޮށް ތިމާގެ ފަރާތުން އަނެއްކާއަށް ބަލި ފެތުރިދާނެ އެންމެހައި ކަންކަމުން ދުރުހެލިވެ ރައްކާތެރިވުމެވެ. ކޮންމެހެން ދާންޖެހޭ ތަނަކަށް ނޫނީ ނުދިއުމެވެ. މިއީ ދުނިޔޭގެ ހުރިހާ ޤައުމެއްގައި މިވަގުތު މިކަމަށް ދެމުންދާ ފަރުވާއެވެ.

ޑިމޮކްރަސީގެ ބާރުތަކުގެ ތެރެއިން އެއްވެ އުޅުމާއި، ޙިޔާލް ފާޅުކޮށް ޖަވާބު ދާރީ ކުރުމަކީ ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު އެއްބާރެވެ. ނަމަވެސް އާންމު ރައްކާތެރިކަމާއި، މުޅި މުޖުތަމައުގެ ސަލާމަތްތެރިކަން ނަގާލެވޭ ގޮތަށް އެކަން ކުރުމަކީ އެއީ ޑިމޮކްރަސީ ދަންނަ ކަމެއްނޫންނެވެ. ޑިމޮކްރަސީ އަކީ އަނެކާއަށްވެސް އިހުތިރާމްކޮށް، މުޅި މުޖުތަމައުގެ ހެވާއި ލާބައަށް ކުރެވޭ މަސައްކަތަކުން ފައްކާ ކުރެވޭ ނިޒާމެކެވެ،

މިއަދު މުޅި ދުނިޔޭގެ އެންމެބޮޑެތި ޑިމޮކްރަސީ އޮތް ޤައުމުތަކުގައިވެސް އަދި ޑީމޮކްރަސީ ފައްކާ ވަމުންދާ ޤައުމުތަކުގައިވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ. އާންމު މަސްލަހަތާއި ފަރުދުންގެ ދިރިހުރުމަށެވެ. މިއަދު ޑިމޮކްރަސީއާއި އެންމެ ބީރައްޓެހި މަސައްކަތަކަށް ވެގެންދާނީ އިންސާނީ ހައްގު ތައް ނިގުޅައިގަނެ ހައްގުތައް ގެއްލޭގޮތަށް އާންމު ރައްކާތެރިކަން ނަގާލުމަށް ކުރެވޭ މަސައްކަތްތަކެވެ.