ކުޅިވަރު

މޮޅަކާއެކު ލީގު ފަށާ ލަމްޕާޑުގެ އަމާޒު ލިވަޕޫލް މެޗަށް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބްރައިޓަންއާ ވާދަކޮށް ރަށުން ބޭރުގައި 3-1 އިން މޮޅުވުމަށްފަހު ލީގުގައި ކުރިޔަށް އޮތް ލިވަޕޫލް މެޗު ކާމިޔާބުކުރުމަށް ފްރޭންކް ލަމްޕާޑު އަމާޒު ހިފައިފިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލަމްޕާޑު ބުނީ އެމެޗުގައި ލިވަޕޫލްގެ މައްޗަށް ކުރި ހޯދާ ދެޓީމުގެ ދެމެދުގައޮތް ފަރަގު ނައްތާލަން ބޭނުންވާކަމަށެވެ. އޭނާ ބުނީ ބްރައިޓަން ދަނޑުގައި މޮޅުވިޔަސް މި މޮޅަކީ އުނދަގުލުން ހޯދި މޮޅެއްކަމަށެވެ. ލަމްޕާޑު ބުނީ ތައްޔާރުވާން ލިބުނީ މަދު ދުވަސްތަކެއް ކަމަށާއި މިކަހަލަ ގޮތަކަށް ފުޓްބޯޅަ ކުޅެން އޭނާ ދުވަހަކުވެސް އުންމީދު ނުކުރާކަމަށެވެ. އެހެން ނަމަވެސް މެޗުން މޮޅުވުން ހިތްހަމަޖެހިފަ ހުރި ކޯޗު ބުނީ މެޗުގައި ގިނަ ކުޅުންތެރިންނަށް އަނިޔާގެ ސަބަބުން ނުކުޅެވުމާއި ގިނަ ކުޅުންތެރިން ކަރަންޓީނުގައި ތިބެން ޖެހުމުން އެއީ ދިމާވި އެންމެ ބޮޑު މައްސަލަކަމަށެވެ.

ލަމްޕާޑް ބުނީ ޕްރިމިއަރ ލީގު އަދި މި ފެށުނީ ކަމަށާއި ކުރިޔަށްހުރި ދުވަސްތައް އޭނާއަށް ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ. އިނގިރޭސި ލީގުގައި ދެން ޗެލްސީ އަމިއްލަ ދަނޑުގައި ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލްއާ ދެކޮޅަށެވެ. ހުސްވި ސީޒަނުގައި ލީގުގައި ލިވަޕޫލާ ވާދަކުރި ދެމެޗުން ވެސް ބަލިވި ޗެލްސީ ލީގު ނިންމާލީ ލިވަޕޫލަށް ވުރެ 33 ޕޮއިންޓް ފަހަތުން ހަތަރު ވަނައިގައެވެ. އިނގިރޭސި ވާދަވެރި ދެކުލަބުގެ ކުރިމަތިލުން އޮންނާނީ އަންނަ އާދީއްތަ ދުވަހުއެވެ.