ޚަބަރު

ކެރޭނެއް ވެއްޓި މަރުވި ޙައްޖާޖީންގެ ޢަދަދު 87އަށް އަރައިފި


މައްކާގެ ޙަރަމްފުޅު ބޮޑު ކުރަމުންދާ ސަރަޙައްދަށް
ކެރޭނެއް ވެއްޓި ހިނގި ހިތާމަވެރި ޙާދިސާގައި މަރުވި މީހުންގެ ޢަދަދު 87އަށް
އަރައިފިއެވެ. މި ހިތާމަވެރި ޙާދިސާގައި 187 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ސައުދީ ސިވިލް ޑިފެންސުން ކަށަވަރު ކޮށްދީފައިވެއެވެ. މީގެތެރޭގައި ހިމެނެނީ މިވަގުތު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ގޮސްތިބި އެކި ޤައުމުތަކުގެ ޙައްޖުވެރިންނެވެ. ނަމަވެސް މިވަގުތު އެއީ ކޮން ކޮން ޤައުމުތަކެއްގެ ބައެއްކަމުގެ މަޢްލޫމާތު އަދި ލިބިފައެއްނުވެއެވެ. ދިވެހި ޙައްޖު މިޝަނުން މަޢްލޫމާތު ދޭ ގޮތުގައި ދިވެހި ޙައްޖާޖީންގެ ތެރެއިން 3 މީހަކު ނުފެނިގެން ހޯދަމުން ދިޔަ ކަމަށާއި އޭގެތެރެއިން ޙާއްޖު ކޯޕަރޭޝަންގެ މީހާ މިހާރުވަނީ ފެނިފައެވެ. މިނާގްރޫޕްގެ ޙަވާލުގައި ދިޔަ ދެމަފިރިން އަދިވެސް ދަނީ ހޯދަމުންނެވެ. ދިވެހި ޙައްޖާޖީން ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީއާއި، ފޮރިން މިނިސްޓްރީ، އަދި ހައްޖު ކޯޕަރޭޝަނުން ބުނެއެވެ. އަދި މައްކާގެ ޙަރަމްފުޅު ކައިރީގައި ހުރި ހޮސްޕިޓަލްތަކުގައި އެއްވެސް ދިވެއްސެއް ހުރިތޯ ބަލަމުންދާ ކަމަށްވެސް އެ ފަރާތްތަކުން މައުލޫމާތުދެއެވެ. މިހާތަނަށް ލިބިފައިވާ މަޢްލޫމާތު ތަކަށް ބަލާއިރު ހުރިހާ ޙައްޖާޖީން އަދި ހޮޓަލަށް ހަމަނުވާކަމަށް މިވަގުތު މައްކާގައިހުރި ޕީއެސްއެމްގެ ސީނިއަރ އެޑިޓަރ މޫސާ ވަސީމް މަޢްލޫމާތު ދެއެވެ. މައްކާގައި ހުރި ޙައްޖު މިޝަނުންވެސްދަނީ އެސަރަޙައްދުގެ ހޮސްޕިޓަލްތަކަށްވެސް އެއްވެސް ދިވެއްސަކު ފަރުވާދެމުންދޭތޯ ޗެކްކޮށް ބަލަމުންނެވެ.މިޙާދިސާ ހިނގިު ވަގުތު ޕީއެސްއެމްގެ ޑެޕިއުޓީ އެޑިޓަރ މުޙައްމަދު އަފްސަލް އެވަގުތު ހުރީ ކްރޭން ވެއްޓުނު ސަރަަހައްދާއި ފަނަރަ ވަރަކަށް ފޫޓް ދުރުގައި އޭނާ މަޢްލޫމާތު ދިނެވެ. އެވަގުތު ކޮންމެވެސް ވަރަކަށް ވާރޭވެހެމުންދިޔަކަމަށާއި މިޙާދިސާ ހިނގުމާއެކު އެސަރަޙައްދު ބަންދުކޮށް މީހުން ހޮސްޕިޓަލްތަކަށް ގެންގޮސްފައިވެއެވެ. އަދި މިސްކިތް އޮތީ ފުރިބާރުވެފައިކަމަށާއި ޠާވާފްކުރަން ތިބިމީހުންނަށް ޠަވާފް ކުރެވޭނެ ގޮތަށް އެތަނުގެ އިންތިޒާމްވެސް ހަމަޖައްސައިދީފައިވާ ކަމަށް އަފްސަލް މަޢްލޫމާތު ދިނެވެ. ޙާދިސާ ހިނގި ވަގުތު ޠަވާފްކުރަން ގިނަޢަދަދެއްގެ ދިވެހިންވެސް ތިބިކަން އަފްސަކް ފާހަގަކުރިއެވެ. ދިވެހި ހައްޖާޖީންގެ ކަންކަމުގައި ފޮރިން މިނިސްޓްރީއަށް ގުޅުމަށް މިހާރު ވަނީ ހޮޓްލައިނެއް ގާއިމް ކޮށްފައެވެ ހޮޓް ލައިން ނަންބަރަކީ 798340އެވެ. މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދެ މިލިއަންނަށްވުރެ ގިނަ މުސްލިމުން ގޮސްފައިވާއިރު،ރާއްޖެއިންޙައްޖުގެ މަތިވެރި އަލުކަން އަދާކުރުމަށް 2000އަށްވުރެ ގިނަ ޙައްޖާޖީން ގޮސްފައިވެއެވެ.