ޚަބަރު

އުތުރުގެ ކަނޑޫފާތައް ނެތިދިއުމުގެ ބިރު ، މިފަހަރު ވައިކަރަދޫ ކަނޑޫފާ


ކަނޑުލަކީ އިހުގައި ޢާއްމު ކެއުމެއްގެ ގޮތުގައި ބޭނުންކުރަމުން އައި ބާވަތެކެވެ. ފަހަކަށް އައިސް ކަނޑޫ ކެއުމުގައި ބޭނުން ނުކުރިނަމަވެސް މިފަދަ ސަރަޙައްދުތައް ޚާއްސަވާ ސަބަބުތަށް ގިނައެވެ. ކާނާގެ ބާވަތެއް ލިބުމާއި ރަށުގެ ފަސްގަނޑު ޙިމާޔަތްކުރުމާއި، އަދި ރާއްޖޭގެ ރަށްރަށުގައި ކަނޑޫފާތައް މަދުވުމަކީ މިކަމުގެ ޚާއްސަކަން ދައްކުވައިދޭ ސަބަބުތަކެވެ.

މުޅި ރާއްޖެއަށް ބަލާއިރުވެސް މިހާރު ކަނޑޫފާތައް އޮތީ މަދު ރަށްތަކެއްގައެވެ. ބައެއް ރަށްތަކުގައި ބިޔަ ކަނޑޫ ގަސްތަކާއި ފާތައް ހުރިއިރު ކުދިކުދި ކަނޑޫފާތައް ހުރި ރަށްތައްވެސް އެބަހުއްޓެވެ. މި ސަބަބުތަކަށްޓަކައި ގިނަ ރަށްތަކެއްގެ ކަނޑޫފާތައް ސަރުކާރުންވަނީ ޙިމާޔަތްކުރައްވާފައެވެ.

ނަމަވެސް މިއަހަރު ރާއްޖޭގެ ކަނޑޫފާތަކުން އާދަޔާ ޚިލާފު ކަންތައްތަކެއްވަނީ ފާހަގަވާންފަށާފައެވެ. ރަށްރަށުގެ މަތިން ނަގާފައިވާ "އޭރިއަލް" ފޮޓޯތަކުން މިމަންޒަރު ވަރަށް ސާފުކޮށް ފެނެއެވެ. އުތުރުގެ އެންމެ ބިޔަ ކަނޑޫފާތައްކަމަށްވާ ހދ.ނޭކުރެންދުއާއި ހއ.ކެލާގެ ކަނޑޫފަލުން ދާދިފަހުންވަނީ އާދަޔާ ޚިލާފު ކަންތައްތަކެއް ފާހަގަވެފައެވެ. ގަސްތައް ހިކި ކަނޑޫފާތަށް މުޅިން ނެތިދިނުމުގެ ބިރުވަނީ ހީވެފައެވެ.

މިފަހަރު ނޭކުރެންދުއެއް ނުވަތަ ކެލައެއް ނޫނެވެ. އުތުރުން ހދ.ވައިކަރަދޫގެ ކަނޑޫފަލުންވެސް މިވަނީ މި އާދަޔާ ޚިލާފު ކަންކަން ފާހަގަވާން ފަށާފައެވެ. ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ރަށު ކައުންސިލްގެ ރައީސް އަޙުމަދު ނަސީމް ވިދާޅުވީ ރަށުގެ ކަނޑޫފަލުގައި ހުރި ކަނޑޫގަސްތަކުން ފަތްފައިބައި ގަސްތައް ހިކި މަރުވާން ފަށާފައިވާކަމަށެވެ. އެރަށުން މިކަން ފާހަގަވާން ފަށާފައިވަނީ ވަރަށް ފަހުންކަމަށް ނަސީމް ވިދާޅުވިއެވެ.

"ގަސްތައް ހިކި މަރުވާންފެށީ. ގަބޫލުކުރެވެނީ ނޭކުރެންދޫ ކަނޑޫފަލަށް ދިމާވިފަދަ ކަމެއްހެން." ނަސީމް ވިދާޅުވިއެވެ.

ވައިކަރަދޫ ކަނޑޫފަލަކީ ރަށާ އަޅާބަލާއިރު ނިސްބަތުން ކުޑަ ސަރަހައްދެކެވެ. ނޭކުރެންދުއާ ދިމާލުން ރަށުގެ އިރުމަތީ ފަރާތުގައި އޮންނަ ކަނޑޫފާ، މިހާރު ޢާއްމުކޮށް ބޭނުންކޮށެއް ނޫޅެއެވެ.

"ކަނޑޫފާ ސަރަޙައްދު ވަކި ކަމަކަށް ބޭނުމެއް ނުކުރޭ. ނަމަވެސް މިހާރުވެސް ކަނޑޫ އަޅާއިރު ކަނޑޫ ހޮވައިގެން ކަނޑޫ ކައިއުޅޭ. މި ކޯވިޑް ދުވަސްވަރުވެސް ވަރަށް ގިނައިން ރައްޔިތުން ކަނޑޫ ހޮވި." ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ކަނޑޫފަލަށް އަންނަމުންދާ ބަދަލު ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި މިމައްސަލަ އެންވަޔަރަމަންޓް މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީއަށް ހުށައެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

ފޮޓޯތަކުން ފެންނަ މަންޒަރަށް ބަލާއިރު ރަށުގެ ބޯ ޖަންގަލީގެ ތެރެއިން ކަނޑޫފާ ހިމެނޭ ސަރަޙައްދު ފެންނަނީ މުޅިން ގަސްތައް މަރުވެ ވީރާނާވެފައިވާ މަންޒަރެވެ. ފެންނަ ފެނުމަށް ހދ.ނޭކުރެންދުއާއި، ހއ.ކެލާގެ ކަނޑޫފަލަށް ދިމާވި ފަދަ މައްސަލައެކެވެ. އާދަޔާއި ޚިލާފަ މި ބަދަލުގެ ސަބަބުން އުތުރުގެ ކަނޑޫފާތައް މުޅިން ނެތިދިއުމުގެ ބިރުވަނީ ހީވެފައެވެ.

ކަނޑޫފާތަކަށް ކުރިމަތިވަމުންދާ ގެއްލުމާއި އަދި މިބަދަލުތައް އަންނަން ދިމާވި ސަބަބު ދެނެގަތުމަށް އެންވަޔަރަމަންޓް މިނިސްޓްރީއާއި، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭ ގުޅިގެންވަނީ ތަޙުލީލުތަކެއް ކުރަން ފަށާފައެވެ. ނަމަވެސް މިބަދަލު އަންނަން ދިމާވި ސަބަބު މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ.