ދީން

ޕީއެސްއެމް ތުއްތުކުދިންގެ ޤްރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ


ޕަބްލިކް ސަރވިސް މީޑިޔާއިން ބޭއްވި ތުއްތު ކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ރަފްޙާން އަހުމަދު ފަޔާޒް، އަދި ނުބަލާ ކިޔެވުމުގެ ގޮފިން އެއްވަނަ މުސްއަބް ފަޟީލް މުހައްމަދު ހޯދައިފިއެވެ.ކޮންމެ ރަމަޟާން މަހެއްގައި ބާއްވަމުން އަންނަ މި މުބާރާތުގެ މިއަހަރުގެ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވަފައިވަނީ މިއަދު ހަވީރު އޮލިމްޕަހުގައެވެ.ރަމަޟާން މަހު ޓީވީއެމް އަދި ދިވެހިރާއްޖޭގެ އަޑުން ފޮނުވަމުންދާ ތުއްތު ކުދިންގެ ޤްރުއާން މުބާރާތަކީ ތުއްތު ކުދިންނާއި، ބެލެނިވެރިން އަދި ގިނަ ބަޔަކު ޝައުގުވެރިވާ މުބާރާތެކެވެ. އެކަމުގެ އެންމެ ބޮޑު ހެއްކަކީ މުބާރާތުގައި ބައިވެރިވާ ކުދިންގެ އަދަދު ގިނަ ވުމެވެ. އެގޮތުން ފާއިތުވެދިޔަ އަހަރުތަކުގައި ކޮންމެ އަހަރަކުވެސް ދެހާހަށް ވުރެ ގިނަ ކުދިން މި މުބާރާތުގައި ބައިވެރިވެ ޤްރުއާން ކިޔަވާފައިވާކަން ފާހަގަކޮށްލެވެއެވެ.މިދިޔަ ރަމަޟާން މަހު ބޭއްވި މުބާރާތުގެ ނަތީޖާ ފާޅު ކުރުމަށް މިއަދު އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އިސްލާމިކް މިނިސްޓަރުގެ ނައިބު އައްޝައިޚް މުހައްމަދު ޤުބާދު އަބޫބަކުރެވެ.މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ލިބިފައިވަނީ މ.ޖޯޖިޔާ ރަފްޙާން އަހުމަދު ފަޔާޒްއަށެވެ. އަދި ނުބަލާ ކިޔެވުމުގެ ގޮފިން އެއްވަނަ ލިބިފައިވަނީ މ.ކާނޭޝަންގޭ މުސްއަބް ފަޟީލް މުހައްމަދުއަށެވެ.މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިން އެކި އުމުރުފުރާތަކުން އެއްވަނަ ހޯދި ދަރިވަރުންނަށް ބަލާލާއިރު، 5 އަހަރާއި 7 އަހަރާއި ދެމެދުގެ އުމުރުފުރާއިން އެއްވަނަ ހޯދީ ހދ.ވައިކަރަދޫ ނިވާދަށުގޭ ސަނީމް މުހައްމަދު ޝިނާން މުނީރު، 7 އަހަރާއި، 10 އަހަރުގެ އުމުރު ފުރާއިން އެއްވަނަ ހޯދީ ގދ.ވާދޫ ގުލްބަކާގޭ އާމިނަތު ޒަހާ ޒިޔާދުއެވެ. 10 އަހަރާއި، 13 އަހަރާއި ދެމެދުގެ އުމުރުފުރާއިން އެއްވަނަ ހޯދީ މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދި، ރަފްހާން އަހުމަދު ފަޔާޒްއެވެ.ނުބަލާ ކިޔެވުމުގެ ގޮއްޕަށް ބަލާލާއިރު، 5 އަހަރާއި 7 އަހަރާއި ދެމެދުގެ އުމުރުފުރާއިން އެއްވަނަ ލިބިފައިވަނީ ޅ.ހިންނަވަރު ހަލަވެލިމާގޭ ފާތިމަތު އަފްޝީން އަބްދުﷲ އަށެވެ. 7 އަހަރާއި، 10 އަހަރުގެ އުމުރު ފުރާއިން އެއްވަނަ ލިބިފައިވަނީ ލ.އިސްދޫ ލުނބޯމާގޭ މުހައްމަދު އަތޫފް އާމިރުއަށެވެ. އަދި 10 އަހަރާއި، 13 އަހަރާއި ދެމެދުގެ އުމުރުފުރާއިން އެއްވަނަ ލިބިފައިވަނީ މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން އެއްވަނަ ހޯދި މުސްއަބް ފަޟީލް މުހައްމަދުއަށެވެ.މީގެ އިތުރުން ބަލައިގެން ކިޔެވުމާއި، ނުބަލާ ކިޔެވުމުންނާއި، ކޮންމެ އުމުރުފުރާއަކުން 2 ވަނަ އަދި 3 ވަނަ އަށް ހޮވުނު ދަރިވަރުންނަށްވެސް އިނާމު ދީފައިވެއެވެ.ނަތީޖާ ފާޅު ކުރުމުގެ ހަފްލާގެ ޝަރަފްވެރި މެހްމާން އިސްލާމިކް މިނިސްޓަރުގެ ނައިބު މުހައްމަދު ޤުބާދު އަބޫބަކުރު ދެއްކެވި ވާހަކަފުޅުގައި ޤުރުއާންގެ މަތިވެރިކަމާއި، ގްރުއާނަކީ އޭގެ މާނަ ނޭންގޭ މީހާގެ ހިތަށްވެސް ބާރު ފޯރުވާފަދަ މަތިވެރި އެއްޗެއް ކަމަށް ވިދާޅުވިއެވެ. އަދި ގްރުއާނަކީ އިންސާނުންނަށް އޮތް ރިސާލަތު ނުވަތަ ގައިޑެންސެއް ކަމަށާއި، ދުނިޔަވީ ހަޔާތް ބާއްޖަވެރިވާން އޮތީ އެ ގައިޑެންސާއި އެއްގޮތަށް އަމަލުކުރުމުން ކަމަށް ވިދާޅުވިއެވެ.ޕީ.އެސް.އެމްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި، އިސްލާމިކް މިނިސްޓްރީ އަދި ގްރުއާނާއި ބެހޭ މަރުކަޒުންވެސް މުބާރާތަށް ވަނީ އިނާމު ހަދިޔާ ކުރައްވާފައެވެ. މި ހަފްލާގެ ރެކޯޑިން ކައިރި މުސްތަގްބަލެއްގައި ޓީވީއެމުންނާއި އަދި ދިވެހިރާއްޖޭގެ އަޑުން ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.