ޚަބަރު

ދެވަނަ ފަހަރަށް އިސްރާއީލު ފުރަބަންދުކޮށްފި


އިސްރާއީލުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން ދެވަނަ ފަހަރަށް އެ ޤައުމު ފުރަބަންދުކުރަން ނިންމައިފިއެވެ.

އިސްރާއީލުގައި މިހާތަނަށް 156،000 މީހުންނަށް ކޯވިޑް-19 ޖެހި 1،119 މީހުންވަނީ މަރުވެފައެވެ. މިދިޔަ މާރޗު މަހުގެ ތެރޭގައިވެސް ހަރުކަށި ފުރަބަންދެއް އިސްރާއީލުގައިވަނީ ޤާއިމްކޮށްފައެވެ. ނަމަވެސް ބަލި ފެތުރޭ މިންވަރު ދަށަށް ދިޔުމުން ފިޔަވަޅުތައްވަނީ އުވާލައިފައެވެ.

މިދިޔަ ހަފުތާއިން ފެށިގެން ދުވާލަކު 4،000އަށްވުރެ ގިނަ މީހުންނަށް އެ ޤައުމުގައި ބަލިޖެހެން ފަށައިފައިވާތީ ދެވަނަ ފަހަރަށް ޤައުމު ފުރަބަންދުކުރުމަށް ކަމާބެހޭ ފަރާތްތަކުންވަނީ ނިންމާފައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވީ ތިން ހަފުތާއަށް ޤައުމު ފުރަބަންދުކުރަން ނިންމާފައިވަނީ ކުރިއަށްއޮތް ޔަހޫދީންގެ ޢީދާ ދިމާކޮށް ބަލިފެތުރުން މަދުކުރުމަށްކަމަށެވެ.

ސެޕްޓެމްބަރު މިހަގެ 18ވަނަ ދުވަހުން ފެށިގެން އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތަކުގެ ދަށުން އިސްރާއީލުގައި ދިރިއުޅޭ އެއްވެސް މީހަކަށް އެމީހެއް ދިރިއުޅޭ ތަނަށްވުރެ 500 މީޓަރު ދުރަކަށް ނުދެވޭނެއެވެ. ނަމަވެސް ހުޅުވާފައި ބެހެއްޓުމުގެ ޙުއްދަދީފައިވާ ތަންތަނުގައި ވަޒީފާ ޢަދާކުރާ މުވައްޒަފުންނަށް މަސައްކަތަށް ދިޔުމުގައި ހުރަހެއް ނޯންނާނެއެވެ. އޭގެ އިތުރުން މަދަރުސާތަކާއި ފިހާރަތަކާއި ވިޔަފާރި މަރުކަޒުތައް ބަންދުކުރުމަށްވެސްވަނީ ނިންމާފައެވެ. އާންމު ބޭނުމަށް ބޭނުންކުރާ ސާމާނު ވިއްކާ ސުޕަމާކެޓުތަކާއި ބޭސްފިހާރަތައް އޭގެ ތެރޭގައި ނުހިމެނެއެވެ. ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާނީ މަދު ޢަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރެގެންނެވެ. ނަމަވެސް އަމިއްލަ އިދާރާތަކާއި ވިޔަފާރިތައް އެ ތަންތަނަށް ޚިދުމަތް ހޯދަން މީހުން ނާންނަގޮތަށް ހުޅުވާފައި ބެހެއްޓިދާނެއެވެ. ބޭރު ތެރޭގައި އެއްފަހަރާ އެއްވެ އުޅެވޭނީ ގިނަވެގެން 20 މީހުންނަށެވެ. އަދި އެތެރޭގެ މާލަންތަކުގައި ބައްދަލުކުރެވޭނީ ގިނަވެގެން 10 މީހުންނަށެވެ.

ދެވަނަ ފަހަރަށް އިސްރާއީލު ފުރަބަންދުކުރަން ނިންމާފައިވަނީ ފާއިތުވި 13 ހަފުތާގައި ބޮޑުވަޒީރު ނަތަންޔާހޫއާމެދު ޢާންމުން ހިތްހަމަނުޖެހި ސިލްސިލާ މުޒާހަރާތަކެއް އެ ޤައުމުގައި ބާއްވަމުންދަނިކޮށެވެ. ފުރަބަންދުގެ ސަބަބުން މުޒާހަރާތަކަށް ކުރާނެ އަސަރު އިނގޭނީ އައު އުސޫލުތައް ތަންފީޒުކުރުމުންނެވެ.