ސިޔާސީ

ނަޝީދު ވަކީލުންނާ ބައްދަލުކޮށް ދެއްކި ވާހަކަ އަޑުއަހާފައެއް ނުވޭ


ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޤާނޫނީ ޓީމާއި ނަޝީދާއި
ދެމެދު މާފުށީ ޖަލުގައި ކުރިއަށް ގެންދެވި
ބައްދަލުވުންތަކުގައި ދެކެވުނު ވާހަކަތައް އަޑުއަހާފައިވާ ކަމަށް ނަޝީދުގެ
ވަކީލުން ކުރެއްވި ތުހުމަތުތައް ކަރެކްޝަނަލް ސާރވިސް އިން ދޮގުކޮށްފި.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ރޭ ނެރުނުބަޔާނެއްގައި
ބުނެފައިވަނީ، އެމުއައްސާއަށް ކުރެވުނު ތުހުމަތުތަކަކީ މާފުށީ ޖަލުގައި ނަޝީދު
އާއި، ނަޝީދުގެ ބޭރުގެ ވަކީލުންނާއި ދެމެދު ހިނގި
ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކާއި ބަދަލުކުރެވުނު އިމްތިޔާޒް ލިބިގެންވާ
މަޢުލޫމާތު ކޮންމެވެސް މޭރުމަކުން އަޑުއަހާ ހޯދާފައިވާކަމާއި، މިކަމުގެ ސަބަބުން އެ
މަޢުލޫމާތު ބޭރުވެފައިވާ ކަމަށް ތުހުމަތު ކޮށްފައިވާކަމަށް.

ކަރެކްޝަނަލް ސަރވިސް އިން ބުނެފައިވަނީ ނަޝީދު އާއި،
ނަޝީދުގެ ޤާނޫނީ ޓީމް ބައްދަލުކުރެއްވުމަށް އެކަށީގެންވާ މާޙާއުލެއް
ފޯރުކޮށްދީފައިވާނޭކަމަށާއި، އެ މާޙައުލަކީ ދެފަރާތުގެ ދެމެދު ފަސޭހަކަމާއި އެކު، އިތުރުއެއްވެސް ފަރާތަކަށް ހާމަކުރުމެއްނެތި
ވާހަކަދެކެވޭނެ މާޙައުލެއް ކަމަށް.









ތުހުމަތުތަކާއި ގުޅިގެން، އެކަމުގެ ހަގީގަތް ބަލަން
ތަހުގީގެއް ފަށާފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް ގެ ބަޔާނުގައި ބުނެފައިވޭ. އަދި  އެއީ ތެދެއްކަން ތަހުގީގަށް ސާބިތުވެއްޖެ
ނަމަ، އެކަން ކުރި މީހަކާއި ނުވަތަ ބަޔަކާ މެދު ފިޔަވަޅު އެޅުމުގެ އިތުރަށް، އެފަދަ ކަމެއް ދެން ނުހިނގާނެކަން ކަށަވަރު ކުރަން
އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން އެ ސާވިސް ދީފައިވެއެވެ.



އަމާލް ކްލޫނީއާ އެކު ކުރުނބާ މޯލްޑިވްސްގައި
އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދުގެ ވަކީލު ޖެރެޑް ވިދާޅުވީ
އެ ބޭފުޅުން ޖަލުގައި ނަޝީދާ އެކު ދެއްކެވި ވާހަކަތަކާ ބެހޭ ގޮތުން ނަޝީދުގެ އަނބިކަނބަލުން
ލައިލާ އަލީއާ މީހަކު ސުވާލުކޮށްފައިވާ ކަމަށެވެ.