ދުނިޔެ

ސައުދީ ބޯޑަރުތައް އަލުން ހުޅުވާލަނީ


ކޯވިޑްގެ ނުރައްކަލުން ރައްކާތެރިވުމަށް ސައުދީ އަރަބިއްޔާގެ ބޯޑަރުތައް ބަންދުކޮށްފައި އޮންނަތާ 6 މަސްދުވަހަށް ފަހު އަންނަ ޖެނުއަރީމަހުގެ އެއްވަނަ ދުވަހު އަލުން ހުޅުވާލާނެކަން އެ ޤައުމުން އިއުލާންކޮށްފިއެވެ.

ކޯވިޑުން ރައްކާތެރިވުމަށް ސައުދީން ވަނީ އެޤައުމަށް އެއްވެސް ބޭނުމެއްގައި އެތެރެވުމާއި ޤައުމުން ބޭރުވުންވެސް މަނާކޮށްފައެވެ. އަދި ޙައްޖާއި އުމްރާވެސް މެދު ކަނޑާލާ މިއަހަރުގެ ޙައްޖުގެ ވުމުގެ ފުރުސަތުވެސް ދީފައިވަނީ އެ ޤައުމުގައި ތިބި އެކި ޤައުމުތަކުގެ މީހުން ހިމެނޭ ގޮތަށް 10،000 މީހުންނަށެވެ.

ސައުދީ ސަރުކާރުން ބުނީ އެ ޤައުމުގެ ބޯޑަރުތައް އާއްމުކޮށް އަންނަ ޖެނުއަރީ މަހު ހުޅުވާލަން ނިންމި ނަމަވެސް މާދަމާއިން ފެށިގެން ބައެއް ދަތުރުވެރިންނަށް އެ ޤައުމަށް ދަތުރުކުރެވޭނެކަމަށެވެ. މިގޮތުން ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ޤައުމުތަކުގެ މީހުންނާއި ހާއްސަ ވިސާތައް އޮންނަ މީހުންނަށް އެ ޤައުމަށް ދަތުރުކުރެވޭކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

ވިސާތަކުގެ ތެރެއިން ހުއްދަ ދީފައިވަނީ ރީ އެންޓްރީ ވިސާ އޮންނަ މީހުންނާއި ވޯކް ވިސާ އޮންނަ މީހުންނާއި ރެސިޑެންޓް ޕާމިޓް ވިސާ އޮންނަ މީހުންނަށެވެ. އަދި މި މީހުންނަށްވެސް ސައުދީ އަށް އެތެރެވެވޭނީ ސައުދީއަށް އެތެރެވުމުގެ 48 ގަޑިއިރުގެ ކުރިން ކޯވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަތިޖާ ލިބޭ މީހުންނަށް އެކަނިކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ.

ސައުދީއިން މި ލުއިތައް ދޭން ފަށާފައިމިވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުން އެ ޤައުމުން ފެންނަ އަދަދު މަދުވާން ފެށުމުންނެވެ. ސައުދީ ހައްޖާއި އުމްރާގެ މިނިސްޓްރީން ވަނީ މިއަހަރުގެ އުމްރާގެ ކަންކަމަށް ތައްޔާރުވާންވެސް ފަށާފައެވެ.