ޚަބަރު

ސުލްހައިގެ މަޝްވަރާތައް ފެށުނުނަމަވެސް އަފްޣާނިސްތާނުގައި ޙަމަލާ ބަދަލުކުރުން ކުރިއަށް


އަފްޣާނިސްތާނުގެ އަސްކަރީ ފައުޖުތަކާއި ޠާލިބާނު ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިންގައިފިއެވެ. އެންމެ ފަހުގެ ކުރިމަތިލުންތައް ހިންގާފައިވަނީ އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމްކުރުމާގުޅޭ މަޝްވަރާތައް ޤަތަރުގެ ދައުހާގައި ފެށުނުތާ ގަޑިއިރުކޮޅެއް ފަހުންނެވެ.

ފާއިތުވި 20 އަހަރު އަފްޣާނިސްތާނުގައި ކުރަމުންދާ ހަނގުރާމައިގައި އެތައް ހާސް އާންމުންނާއި ހަނގުރާމަވެރިންވަނީ މަރުވެފައެވެ. މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އަފްޣާނިސްތާނުގައި ޙާރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތް ޠާލިބާނުންނާއި އެމެރިކާއާ ދެމެދުވަނީ އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއްބަސްވުމުގެ ދަށުން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އަނބުރާ އެމެރިކާއަށް ގެންދިއުމަށާއި މާރިޗު މަހުގެ ތެރޭގައި ޠާލިބާނުންނާއި އަފްޣާނިސްތާނުގެ ސަރުކާރާދެމެދު ސުލްޙައިގެ ވާހަކަތައް ފެށުމަށްވަނީ އެއްބަސްވެފައެވެ. ނަމަވެސް ގިނަ ގޮންޖެހުންތަކަކަށްފަހު މަޝްވަރާތައް ފެށޭވަރުވީ އޭގެ ހަ މަސް ފަހުންނެވެ.

އަފްޣާނިސްތާނުގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނެއްކަމަށްވާ ފަވާދު އަމާން ވިދާޅުވީ ސުލްޙައިގެ މަޝްވަރާތައް ފެށުމާއެކު ޠާލިބާނުން ދެމުންދާ ހަމަލާތައް މަދުކުރާނެކަމަށް ޤަބޫލުކުރެވުނު ކަމަށެވެ. ނަމަވެސް އެ ޖަމާޢަތުން އަދިވެސް ދަނީ ކުރިއެކޭ އެއްގޮތަށް ގިނަ ޙަމަލާތައް ދެމުންކަމަށް އޭނާ ވިދާޅުވިއެވެ. އަމާން ވިދާޅުވީ މަޝްވަރާތައް ފެށުމުގެ އެއް ދުވަސް ކުރިންވެސް ޠާލިބާނުން ސަރުކާރުގެ ފައުޖުތަކާއި މަޤާމުތަކަށް އަމާޒުކޮށް 18 ހަމަލާއެއްދީ ބޮޑެތި ގެއްލުން ދީފައިވާކަމަށެވެ. މަޝްވަރާތައް ފެށުނުފަހުން ދީފައިވާ ހަމަލާގެ ސީދާ ޢަދަދު ދަންނަވަން ނޭނގުނު ނަމަވެސް ޠާލިބާނުން ދެމުންދާ ޙާމަލާތައް މަދުވުމުގެ ބަދަލުގައި ގިނަވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޙަމަލާތަކާގުޅޭ ގޮތުން ޠާލިބާނުންގެތަރުޖަމާނު ޒާބިހުﷲ މުޖާހިދު ބުނީ އަފްޣާނިސްތާނުގެ ސިފައިންނަށް އެ ޖަމާޢާތުން ހަމަލާދިނީ ކުންދުޒްގެ މައި ހައިވޭއެއްގައި ޚާއްޞަ އޮޕަރޭޝަނެއް ހިންގުމަށް ފައުޖުތައް އައުމުންކަމަށެވެ.

މަޝްވަރާތައް ފެށުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ގިނަ ޤައުމުތަކަކުންވަނީ މަޝްވަރާތައް ފެށުމުގެ ކުރިން ޙަމަލާބަދަލުކުރުން ހުއްޓާލުމަށް ޠާލިބާނަށް ގޮވާލައިފައެވެ. އެ ރަސްމިއްޔާތުގައި ޙަމަލާ ބަދަލުކުރުން ހުއްޓާލުމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ޠާލިބާނުން ދައްކާފައެއް ނުވެއެވެ. އޭނާ ބުނީ އެއްގަމާއި ވައިގެ ގިނަ ހަމަލާތަކެއް އަފްޣާނިސްތާނުގެ ދިފާޢީ ބާރުތަކުން ބަގްލާން އަދި ޖައުޒުޒާނު ޕުރޮވިންސަށް ދީފައިވާކަމަށެވެ.

އަފްޣާނިސްތާނުގެ ޕީސް ކައުންސިލްގައި އިސްކޮށް ހުންނަވާ އަބްދުﷲ އަބްދުﷲވަނީ މަޝްވަރާތަކުގައި ފުރަތަމަ ވާހަކަދައްކާނެ ކަންކަމުގެ ތެރޭގައި ލޭއޮހޮރުވުން މަދުކޮށް ދާއިމީގޮތަކަށް ޙަމަލާ ބަދަލުކުރުން ހުއްޓާލުން ހިމެނޭނެކަމަށް ވިދާޅުވެފައެވެ.