ސިއްހަތު

ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސްގެ މަޤާމަށް ބޭފުޅަކު ހޯދަން އިޢުލާނުކޮށްފި


ހެލްތު މިނިސްޓްރީގެ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސްގެ މަޤާމަށް ބޭފުޅަކު ހޯދަން އިޢުލާނުކޮށްފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ މިނިސްޓްރީ އޮފް ހެލްތްގެ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސްގެ މަޤާމަށް ޝަޢުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 22ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރަންސްގެ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަހަކު 13890 ރުފިޔާއެވެ. އަދި ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު 2000 ރުފިޔާ ކަނޑައަޅާފައިވާއިރު، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މަހަކު 3889.20 ރުފިޔާ އަދި ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މަހަކު 4861.50 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް ލިބޭނެކަމަށާއި، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެކަމަށްވެސް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

2015ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު ތަސްދީޤްކުރި ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގައި، ދިވެހިރާއްޖޭގައި ދެވޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ޞިއްޙީ ޚިދުމަތްދޭ ތަންތަން މިޤާނޫނުގެ ދަށުން ބަލައި ފާސްކުރުމުގެ ޒިންމާ މަތިކޮށްފައިވަނީ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރަންސްއަށެވެ. މި ޤާނޫނުގައި ވަނީ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ކަންކަން ހިންގަނީ ޤާނޫނާއި އެޤާނޫނުގެ ދަށުން ހަދާ ޤަވާއިދުތަކުގައި ބަޔާންކުރާ އިޖުރާޢަތުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، "ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް"ގެ ނަމުގައި މަޤާމެއް އުފައްދައި، އެމަޤާމަށް މީހަކު ޢައްޔަންކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް މިހާތަނަށްވެސް އެ މަޤާމަށް ބޭފުޅަކު ޢައްޔަންކޮށްފައެއް ނުވެއެވެ.

ޞިއްޙީ ޚިދުމަތްދިނުމުގެ ޤާނޫނުގައި ބަޔާންކުރާ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސްގެ ބައެއް ޒިންމާތަކުގެ ތެރޭގައި ޞިއްޙީ ޚިދުމަތުގެ ފެންވަރު ކަށަވަރުކުރުމަށާއި، މުވައްޒަފުންނާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރިކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުން ހިމެނެއެވެ. އަދި ޞިއްޙީ ޚިދުމަތުގެ ފެންވަރު ކަށަވަރުކުރުމަށާއި، ޞިއްޙީ ޚިދުމަތްދޭ ތަންތާނގެ މުވައްޒަފުންނާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރިކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ފުރިހަމަވެފައިވާކަން ކަށަވަރުކުރުމާއި، ޢަމަލުކުރެވެމުންދާ މިންގަނޑުތަކާއި އުސޫލުތައް މުރާޖަޢާކޮށް އިޞްލާޙުކުރުންވެސް ހިމެނެއެވެ.

ޞިއްޙީ ޚިދުމަތްދޭ ތަންތަން ހުންނަނީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތިން ބެލުމާއި، ޞިއްޙީ ޚިދުމަތް ދިނުމާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ކުރާ ޝަކުވާތައް މިނިވަންކަމާއެކު އަޑުއަހައި، ތަޙްޤީޤުކޮށް މިނިސްޓަރަށް ރިޕޯޓް ހުށަހެޅުމަކީވެސް ކޮމިޝަނަރުގެ ޒިިންމާއެކެވެ.