ޚަބަރު

އިއްޔެގެ އެއްވުމުން ހައްޔަރުކުރި އެންމެން ޖޫރިމަނާކޮށް، އެކަކު ފިޔަވައި އެންމެ ދޫކޮށްލައިފި


އިއްޔެގެ އެއްވުމުގެ ތެރެއިން ހައްޔަރުކުރި އެންމެން ޖޫރިމަނާކޮށް، އެކަކު ފިޔަވައި އެންމެ ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި ޚިލާފަށް މާލޭގައި އިއްޔެ ސައިކަލު ބުރެއް ބޭއްވުމަށް މަސައްކަތްކުރި މީހުންގެ ތެރެއިން 41 މީހަކު ވަނީ ފުލުުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެއްވުމުން ހައްޔަކު ކުރި މީހުން ދޫކޮށްލާފައިވާއިރު އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފްވުމުން އެ މީހުންވަނީ ޖޫރިމަނާކޮށްފައެވެ. ނަމަވެސް އެއިން އެއްވެސް މީހެއްގެ ލައިސަންސް ހިފަހައްޓާފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ. އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މި ޙާލަތުގައި، ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް، އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މާލެ ސަރަހައްދުގައި ބަލި ފެތުރުން އިންތިހާއަށް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވާތީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން އެޗްޕީއޭއިން ވަނީ މާލޭގެ މަގުމަތީގައި 5 މީހުންނަށްވުރެ ގިނައިން އެއްވެއުޅުން މަނާކޮށްފައެވެ. މާލޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ޑޮކްޓަރުންނާއި ޞިއްޙީ އެހީތެރިންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށްވެސް އެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ލިޔުމުން ދޭ ހުއްދައަކާއެކު ނޫނީ ވެރިރަށް މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަހައްދުގައި ކަމަށް ކަނޑައަޅައި އެކަން ހުރިހާ ފަރާތްތަކުގެ ސަމާލުކަމަށް ހޯމް މިނިސްޓްރީންވަނީ އަންގަވާފައެވެ.