ދުނިޔެ

އދ.ގެ މައި މަރުކަޒުގައި ފަލަސްތީނުގެ ދިދަ ނެގުމަށް ފާސްކޮށްފި


ނިޔުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި
ފަލަސްތީނުގެ ދިދަ ނެގުމަށް އދ.ގެ ޖެނެރަލް އެސެމްބްލީގެ ވަރަށް ތަނަވަސް
އަޣްލަބިއްޔަތަކުން ފާސްކޮށްފިއެވެ. ނިޔުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި
ފަލަސްތީނުގެ ދިދަ ނެގުމަށް ގޮވާލައި އދ.ގެ ޖެނެރަލް އެސެމްބްލީ އަށް ހުށަހެޅި ޤަރާރަށް ދެކޮޅު ހަދާފައިވަނީ 193 ގައުމުގެ ތެރެއިން އެންމެ 8 ގައުމުންނެވެ.

ނިޔުޔޯކްގައި ހުންނަ
އދ. ގެ މައި މަރުކަޒުގައި އެހެން ގައުމުތަކުގެ ދިދައެކޭ އެއްގޮތަށް ފަލަސްތީނުގެ
ދިދަވެސް ނެގުމަށް އދ. ގެ ޖެނެރަލް އެސެމްބްލީގެ ވަރަށް ތަނަވަސް
އަޣްލަބިއްޔަތަކުން ފާސްކޮށްފައި މިވަނީ މިކަމާދެކޮޅަށް އިސްރާއީލާއި އިސްރާއީލުގެ
ހަރުކަށި އަމަލުތަކަށް ވާގިވާ އެމެރިކާއިން ކޭމްޕެއިން ކުރަމުން ގެންދަނިކޮށެވެ. މިއީ
އިސްރާއީލުން ފަލަސްތީނު އިސްތިޢުމާރުކޮށް ފަލަސްތީނުގެ ބިންތައް ހިފައިގެން
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ ހަރުކަށި އަދި
އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި އަމަލުތަކަށް ބައިނަލްއަޤްވާމީ ޒަމީރު
ދެކޮޅުހަދާކަން ވަރަށް ރަނގަނޅަށް ހާމަވެގެންދިޔަ ނިންމުމެއްް ކަމަށް
ފަލަސްތީނުންވަނީ ސިފަކޮށްފައެވެ. 

ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި އދ.ން
ބަލައިގެންފައިވީ ނަމަވެސް ފަލަސްތީނަކީ އދ.ގެ ފުރިހަމަ މެމްބަރު
ގައުމެއްނޫނެވެ. ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ނުލިބިވަނީ ސަލަމާތީ
މަޖިލީހުގައި މިކަމާދެކޮޅަށް ވީޓޯ ކުރުމުގެ ބާރު އެމެރިކާއަށް އޮތުމުގެ ސަބަބުންނެވެ.
އެހެންކަމުން ފަލަސްތީނަށް ލިބިފައިވަނީ އދ. ގެ ފުރިހަމަ މެންބަރަކަށްނުވާ
އޮބްޒާވަރ ދައުލަތެއްގެ ދަރަޖައެވެ. ނަމަވެސް ނިޔުޔޯކްގައި ހުންނަ އދ. ގެ މައި
މަރުކަޒުގައި އެހެން ގައުމުތަކުގެ ދިދައެކޭ އެއްގޮތަށް ފަލަސްތީނުގެ ދިދަވެސް
ނެގުމުގެ ފުރުސަތު ފަލަސްތީނަށް ލިބިގެންދިޔުމަކީ ފަލަސްތީނުގެ މަގާމާއި
ހައިސިއްޔަތު އދ. ގައި ކުރިޔަށްވުރެ ވަރުގަދަ ވެގެންދާނެ ކަމެއްކަމަށް
ޑިޕްލޮމޭޓުން ވިދާޅުވެއެވެ.

ނިޔުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި
ފަލަސްތީނުގެ ދިދަ ނެގުމާބެހޭގޮތުން ޖެނެރަލް އެސެމްބްލީން ބުރާސްފަތި ދުވަހު
ފާސްކުރި ގަރާރަށް ދުނިޔޭގެ 193 ގައުމުގެ ތެރޭން 119 ގައުމަކުން
ތާއީދުކޮށްފައިވާއިރު މިކަމާ ދެކޮޅަށް ވޯޓު ދީފައިވާ ޤައުމުތަކުގެ ތެރޭގައި އިސްރާއީލާއި، އެމެރިކާއާއި، ކެނެޑާއާއި، އޮސްޓްރޭލިޔާ ހިމެނޭއިރު އަނެއް
ހަތަރު ގައުމަކީ ދުނިޔޭގެ ގިނަ ބަޔަކަށް އެއީ ކޮންގައުމުތަކެއްކަން ނޭންގޭ
ވަރަށްކުދި ޖަޒީރާ ގައުމުތަކެވެ. މިހަތަރު ގައުމަކީ އެމެރިކާގެ މާލީ އެހީގައި އުޅޭ
ވަރަށް ކުދި ގައުމުތަކެއްކަމުން މިގައުމުތަކުގެ ނިންމުންތަކަށް އަބަދުވެސް
ބާރުފޯރުވަމުން ގެންދާ ގައުމަކީ އެމެރިކާއެވެ.

މިގަރާރާ ދެކޮޅަށްވެސް އަދި
އެއްކޮޅަށްވެސް ވޯޓު ނުދޭ 45 ގައުމެއް ހިމެނެއެވެ. މީގެތެރޭގައި ގިނައީ އެކިގޮތްގޮތުން
އިސްރާއީލަށް ވާގިވެރިވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތްފަދަ ވިލާތުގެ
އިއްތިޙާދުގެ ގައުމުތަކެވެ. ނަމަވެސް މިގަރާރަށް ވަކިކޮޅަކަށް ވޯޓު ނުދިނުމުގައި
މެމްބަރު ގައުމުތަކުން އެއްސްޓޭންޑެއް ގެންގުޅުމަށް ވިލާތުގެ އިއްތިހާދުން ކުރި
މަސައްކަތްވަނީ މުޅިން ނާކާމިޔާބުވެފައެވެ. އެެހެންކަމުން އދ. ގެ މައި މަރުކަޒުގައި
ފަލަސްތީނުގެ ދިދަ ނެގުމަށް ތާއީދުކޮށް ވިލާތުގެ އިއްތިޙާދުގެ ބައެއް
ގައުމުތަކުންވެސް ވޯޓު ދީފައިވެއެވެ. 

އދ.ގެ މައިމަރުކަޒުގައި ފަލަސްތީނުގެ ދިދަނެގުން
ހުއްދަކުރާ ގަރާރު ޖެނެރަލް އެސެމްބްލީން ފާސްކުރުމާ ގުޅިގެން އިސްރާއީލާއި
އިސްރާއީލަށް ވާގިވެރިވާ އެމެރިކާވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ. މިއީ އެމެރިކާގެ
ބާރާއި ނުފޫޒު ބައިނަލްއަޤްވާމީ މުޖްތަމައުގައި ހިމެނޭ ގިނަ ޤައުމުތަކަށް ނުހިނގާ
ކަމުގެ ހެއްކެތް ކަމަށް މުރާސިލުންވަނީ ސިފަކޮށްފައެވެ.