ޚަބަރު

މިދިޔަމަހު 2705 މީހުން ރަށްރަށަށް ކަރަންޓީނަށް، 121 މީހުން ޕޮޒިޓިވް


މިދިޔަ މަހު ކަރަންޓީނަށް 2705 މީހުން ރަށްރަށަށް ދިޔަކަމަށާއި، މީގެތެރެއިން 121 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

މާލޭގައި ކޯވިޑް-19 ފެތުރުން އިތުރުވުމާ ގުޅިގެން، އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން މާލެއިން ރަށްރަށަށް ދަތުރުކުރުމާއި ރަށްރަށުން މާލެ އައުމުގައިވެސް ޢަމަލުކުރާނެ ޚާއްސަ އުސޫލުތަކެއް ވަނީ ކަނޑައަޅައި ޢަމަލުކުރަން ފަށާފައެވެ. އެގޮތުން އެޗްޕީއޭއިން އެންމެ ފަހުން ނިންމަވާފައިވަނީ ބޭސްފަރުވާއާއި ޒަރޫރީ ބޭނުންތަކުގައި ނޫންގޮތަކަށް އެއްރަށުން އަނެއްރަށަށް ދަތުރުނުކުރުމަށެވެ.

ހެލްތި އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވި ކަރަންޓީނަށްދާ މީހުން ރަށްރަށަށް ފޮނުވަނީ އެޗްޕީއޭގެ ވަކި ގައިޑްލައިންތަކެއްގެ ދަށުން އެކަމަށް އެއްބަސްވެގެންކަމަށެވެ. ނަމަވެސް ފަހަކަށްއައިސް ބައެއް މީހުން ގައިޑްލައިންތަކަށް ޢަމަލުނުކުރާކަން ފާހަގަވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމާމެދު ޑރ.ނަޒްލާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިދިޔަ މަހު ކަރަންޓީން ފުރިހަމަކުރާގޮތަށް 2705 މީހުން ރަށްރަށަށް ދިޔަކަމަށާ މީގެތެރެއިން 121މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވިކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"މަދުން ނަމަވެސް އެބަފެނޭ ކަރަންޓީނުގެ އެންގުމާ މީހުން ޚިލާފުވާތަން. މިކަމުގެ ސަބަބުން ޢާއިލާއާއި، ރައްޓެހިންނާއި އަވައްޓެރިންނާއި، މުޅި ރަށްވެސް އެބަ ނުރައްކަލަށް ހުށައެޅޭ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ރަށްރަށަށް ކަރަންޓީންވާންދާ މީހުންގެ ޒިންމާ ބޮޑުކަމަށެވެ. އަދި ވަކި ގައިޑްލައިންތައް މިކަމަށް ކަނޑައެޅިފައި ހުންނައިރު، ރަށްރަށުގެ ޓާސްކް ފޯސްތަކުންވެސް މިކަން މޮނިޓަރކުރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.

"މިކަމުގައި މުހިންމީ ޚިލާފުވެ ފިޔަވަޅުއެޅުމެއް ނޫން. ގައިޑްލައިނާ އެއްގޮތަށް ޢަމަލުކުރުން. ރަށްރަށުގައި މޮނިޓަރިންގ ކުރިއަށްގެންދޭ، އެކަމަކު އަބަދު ނުބެލޭނެ. ބޭރަށް ނިކުމެ އެކަން ފެންނައިރު މިއޮންނަނީ ގާތްމީހުންނާއި ރަށުގެ އެހެން މީހުންނާ ބައްދަލުވެފައި. ފަރުދީ ޒިންމާ އިތުރުކުރުން ވަރަށް މުހިންމު." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ މިފަދަ ދަނޑިވަޅުތަކުގައި ބަލި ރަށުގައި އިތުރަށް ފެތުރުނުނަ ނުދިނުމަށް، މިކަމާގުޅޭ މަޢުލޫމާތު ހާމަކުރުން ވަރަށް މުހިންމުކަމަށެވެ. މަޢުލޫމާތު ހިފަހައްޓައި، ކަމުގެ ޙަޤީގަތް ކިޔައިނުދޭނަމަ، ތިމާގެ ޢާއިލާއާއި މުޅި ރަށްވެސް ބަލީގެ ނުރައްކަލަށް ހުށަހެޅޭކަމަށް އޭނާ ވިދާޅުވިއެވެ.