ޚަބަރު

އުސްއިމާރްތަކުގައި ހިނގާ އަލިފާނުގެ ޙާދިސާއަށް ތައްޔާރުވުމަށް ޑްރިލްއެއް ބާއްވައިފި


އުސް އިމާރާތްތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރާނި ގޮތުގެ ތަމްރީންތައް އިތުރުކުރުމަށް ޤައުމީ ދިފާއީބާރުން ހިޔާ ފްލެޓްތަކުގައި ފަޔަރ ޑްރިލްއެއް ކުރިއަށްގެންގޮސްފިއެވެ. މި ފަޔަރ ޑްރިލް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގައި މިވަގުތު އެންމެ އުސް އިމާރާތްތައް ހުރި ހުޅުމާލޭ ދެވަނަ ފިޔަވަހީގައެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކުރިއަށްގެންދިޔަ މި ޑްރިލްގެ މަޤްސަދުތަކުގެތެރޭގައި، އުސްއިމާރާތުގައި އަލިފާނުގެ ޙާދިސާއެއް ހިންގައިފިނަމަ އެކަމަށް ތައްޔާރުވެފައިވާ މިންވަރާއި، ވަސީލަތްތައް ހުރި މިންވަރު ވަޒަންކުރުންވެސް ހިމެނެއެވެ. ޑްރިލްގައިވަނީ އުސް އިމާރާތުގައި އަލިފާނުގެ ޙާދިސާއެއް ހިންގައިފިނަމަ، އިމާރާތިގައި ދިރިއުޅެ މީހުން ސަލާމަތްކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ފަރިތަކޮށްފައެވެ. އަދި އުސްއިމާރާރްތަކުން އަލިފާން ނިއްވުމާއި މީހުން ބޭލުމަށް ބޭނުންކުރާ ފަޔަރ ވެހިކަލްތައް ބޭނުންކުރާނެގޮތްތައް ފަރިތަކޮށްފައިވެއެވެ.

މި އެކްސަސައިޒް މިހާރުވަނީ ނިއްމާލާފައެވެ. މިއީ އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުންގެ ޤާބިލްކަން އިތުރުކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ ތަމްރީންތަކުގެތެރެއިން ކުރިއަށްގެންދިޔަ ޑްރިލެކެވެ.

ފަހަކަށް އައިސް ރާއްޖޭގައިވަނީ އަލިފާނުގެ ބޮޑެތި ޙާދިސާތައް ހިނގާފައެވެ. އެގޮތުން ހެންވެރުގެ ބޮޑު އަލިފާނުގެ ޙާދިސާއާއި، އަދި ދާދިފަހުން ކެފޭއާއި އިމާރާތެއްގައި ރޯވި އަލިފާނުގެ ޙާދިސާގައިވެސް ބޮޑެތި ގެއްލުންތައްވަނީ ލިބިފައެވެ. މިފަދަ ޙާދިސާތަކުގައި އަލިފާން ނިއްވުމަށް ފަޔަރ އެންޑް ރެސްކިއުގެ އެންމެ ޒަމާނީ ވަސީލަތްތައްދަނީ ބޭނުންކުރަމުންނެވެ. މާލޭގެ އިތުރުން އަތޮޅުތަކުގައި ހިނގާ އަލިފާނުގެ ޙާދިސާތަކަށް އެޓެންޑްކުރުންވެސްދަނީ ހަރުދަނާކުރަމުންނެވެ..