ޚަބަރު

ފަންނުވެރިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ޑްރާފްޓް އެކުލަވާލުމަށް ބީލަމަށް ހުޅުވާލަނީ


ފަންނާނުންގެ ޙައްގުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު ޑްރާފްޓްކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ޢިއުލާންކޮށްފިއެވެ.

ހެރިޓޭޖް މިނިސްޓްރީން ވިދާޅުވީ ފަންނާނުންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ޤަނޫނުގެ ޑްރާފްޓެ އެކުލަވާލަންޖެހެނީ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން ދޭ މަޢުލޫމާތާއި އެއްގޮތަށްކަމަށެވެ. އެހެންކަމުން މިކަމަށް ޝައުގުވެރިކަން ހުރިފަރާތްތަކަށް ޤާނޫނުގެ ޑްރާފްޓާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް އާދިއްތަ ދުވަހުގެ ހެނދުނު 11 ޖަހާއިރު ހެރިޓޭޖް މިނިސްތްރީގައި އޮންނާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ބީލަމުގެ އުސޫލުން ހުޅުވާލާ މިފުރުސަތުގައި ބައިވެރިވެވޭނީ ބާ ކައުންސިލްގެ ދަފްތަރުގައި ރަޖިސްޓަރކުރެވިފައިވާ ލޯ ފާމްތަކާއި ލީގަލް ޕްރެކްޓިސްގެ ގޮތުގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށްކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.

މިޤާނޫނު އެކުލަވާލުމުގެ މަޤްޞަދަކީ ރާއްޖޭގައި އާޓްސްގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް ރައްކާތެރިކުރުމަށާއި އާޓްސްގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށާއި ފަންނާނުންގެ ޚާއްސަ ދަފްތަރެއް ޤާނޫނީ އިމުގެ ތެރެއިން އެކުލަވާލުންކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ. މިއާއެކު ފަންނާނުންނަށް ޕްރޮފެޝަނަލް ސްޓޭޓަސްއެއް ލިބި މަސައްކަތުގެ މައިދާނުގައި ލިބެންޖެހޭ ޙައްގުތައް ކަށަވަރުވެގެންދާނެކަމަށްވެސް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.

މިޤާނޫނު އެކުލަވަލުމުގައި ރާއްޖޭގައި އާޓްސްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ކަމުގެ ތަޖުރިބާކާރުންނާއި ޢާއްމުންގެ މަޝްވަރާއާއި ލަފާހޯދުމަށް ނިންމާފައިވާކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާދިއުތަކުގެ ތެރެއިން ކަށަވަރު ކޮށްދޭ ޙައްގުތަކާއި ރާއްޖޭގެ އާޓްސްގެ ޙާލަތާއި ޘަޤާފަތް އޮތްގޮތަށްވެސް ބަލާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.