ގދ.ހޯޑެއްދޫއާއި މަޑަވެލީގެ ރައްޔިތުންގެ ތެރެއިން އަސާސީ ބޭނުންތައް ފުއްދުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެއެހީތެރިކަން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ފޯރުކޮށްދީފިއެވެ. އެގޮތުން ދެޢާއިލާއަކަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށް ދީފައިވާކަމަށާއި މީގެއިތުރުންވެސް ބޭނުންވާ އެކި އެހީތައް ފޯރުކޮށްދެމުން އަންނަ ކަމަށް އެމިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
ޖެންޑަރ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކޯވިޑް-19އާއި ގުޅިގެން ރަށުގެ ޙާލަތު ކައުންސިލުން ބެލުމަށްފަހު ޢާއްމުންނަށް އެހީ ބޭނުންވާ ކަމަށް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ފަރާތްތަކަށް ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އެހީތެރިކަން ފޯރުކޮށްދީފައިވަނީ ފުލުހުން މެދުވެރިކޮށްކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.
ކޯވިޑް-19އަށް ހޯޑެއްދޫއިން ގިނަބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން މިދަނޑިވަޅުގައި ހޯޑެއްދޫއާއި މަޑަވެލީގައި ނާޒުކު ޙާލަތުގައިތިބި މީހުން ދެނެގަނެ އެމީހުނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނާއި ދާންމަތިވެފައިތިބޭ މީހުންނާއި އެކަނިވެރި މައިންނާއި ފަގީރު ޙާލަތުގައި ހިމެނޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.
މިދަނޑިވަޅުގައި އެދެރަށުގެ ރައްޔިތުންގެ ތެރެއިން ނަފްސާނީ ގޮތުން ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ފަރާތްތަކަށް ނަފްސާނީ ގޮތުން ދޭންޖެހޭ އެހީތެރިކަން ދެމުންގެންދާ ކަމަށްވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. މީގެއިތުރުން މިދެރަށުން ޖެންޑަރ މިނިސްޓްރީއަށާއި ގދ.ފެމިލީ އެންޑް ޗިލްޑްރެންސް ސަރވިސްއަށް ކުޑަކުދިންނާ ގުޅިގެން މީގެ ކުރިން ހުށައެޅިފައިވާ މައްސަލަތަކަށް ޚާއްސަ ސަމާލުކަމެއްދީ އެކުދިންގެ ޙާލުބަލަމުން ގެންދާކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ. މިދެރަށުގެ ޢާއްމުންގެ ފަރާތުން މިނިސްޓްރީގެ އެހީތެރިކަމަށް އެދުމަށް މިނިސްޓްރީގެ ހިލޭ ގުޅޭ ނަމްބަރު 1421އަށް ގުޅުމަށް ޖެންޑަރ މިނިސްޓްރީންވަނީ އެދިވަޑައިގެންފައެވެ.