ޚަބަރު

އެޗްޕީއޭގެ އެންގުމާއި ޚިލާފަށް އެއްވުން ބާއްވާނަމަ ޤާނޫނީ ފިޔަވަޅު އަޅާނަން - ފުލުހުން


އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް، އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވީ ދިވެހިރާއްޖޭގައި އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި، އާންމު ތަންތަނުގައި އެއްފަހަރާ ގިނަ މީހުން އެއްނުވުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައިވާ އެންގެވުމާ ޚިލާފަށް ބައެއް ފަރާތްތަކުން އެއްވުން ބޭއްވުމަށް ރާވަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، އެޗްޕީއޭގެ އެންގުންތަކާ ޚިލާފު ނުވުމަށާއި، އެންމެހާ ލޮބުވެތި ރައްޔިތުންގެ ރައްކާތެރިކަން ކުރިއަށްނެރެ، ހުރިހާ ބޭފުޅުންވެސް އެޗްޕީއޭއިން ނެރެފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެޗްޕީއޭގެ އެންގެވުމާ ޚިލާފަށް އެއްވުންތައް ބާއްވާ ފަރާތްތަކާއި އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން މިފަދަ އެންގެވުމެއް އަންގަވާފައި މިވަނީ މިއަދު ހަވީރު މާލޭގައި ސައިކަލު ބުރެއް ބޭއްވުމަށް ބައެއް ފަރާތްތަކުން ހާމަކޮށްފައިވަނިކޮށެވެ. ޞިއްޙީ ކުއްލި ނުރައްކަލުގެ މިހާލަތުގައި އެޗްޕީއޭގެ އެންގުމާއި ޚިލާފަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން ވަނީ މާލެއާއި މުޅި ރާއްޖޭގައި އިހްތިޖާޖްކޮށްފައެވެ. މިމައްސަލައިގައި އިދިކޮޅު ޕީޕީއެމް ޕީއެންސީވަނީ 150،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި އެ ދެޕާޓީގެ ބައެއް އިސްބޭފުޅުންވެސް ވަނީ ޖޫރިމަނާކޮށްފައެވެ.

މާލެ ސަރަހައްދުގައި ބަލި ފެތުރުން އިންތިހާއަށް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވާތީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން އެޗްޕީއޭއިން ވަނީ މާލޭގައި 5 މީހުންނަށްވުރެ ގިނައިން އެއްވެ މަގުމަތީގައި އުޅުން މަނާކޮށްފައެވެ. މާލޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ޑޮކްޓަރުންނާއި ޞިއްޙީ އެހީތެރިންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށްވެސް އެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ލިޔުމުން ދޭ ހުއްދައަކާއެކު ނޫނީ ވެރިރަށް މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަހައްދުގައި ކަމަށް ކަނޑައަޅައި އެކަން ހުރިހާ ފަރާތްތަކުގެ ސަމާލުކަމަށް ހޯމް މިނިސްޓްރީންވަނީ އަންގަވާފައެވެ.