ޚަބަރު

އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަށް ބަހްރައިނުންވެސް ނިންމައިފި


އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަށް ބަހުރައިނުން ނިންމައިފިއެވެ. އެމެރިކާގެ ބާރުއެޅުމާއެކު ބަހުރައިނުން އެގޮތަށް ނިންމާފައިވަނީ މިދިޔަ މަހުގެ ތެރޭގައި އިސްރާއީލާއެކު ގުޅުންބަދަހިކުރުމަށް ޔޫއޭއީއިންވެސް ނިންމާފައިވަނިކޮށެވެ.

އެމެރިކާއާއި ބަހުރައިނާއި އިސްރާއީލުން އެކުގައި ނެރުނު ބަޔާނެއްގައި ބުނީ އެއްބަސްވުމާހަމައަށް އައީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާއި ބަހުރައިންގެ ރަސްގެފާނު ހަމަދު ބިން ޢީސާ އަލްޚަލީފާއާ ރައީސް ޓްރަންޕު މަޝްވަރާކުރެއްވުމަށް ފަހުގައިކަމަށެވެ.

ބަހުރައިނުން އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަށް ނިންމާފައިވާކަން އިޢުލާނުކުރައްވާ އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕު ވިދާޅުވީ އެ އެއްބަސްވުމަކީ ތާރީޚީ ނިންމުމެއްކަމަށެވެ. ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހު އެއްބަސްވުމުގައި ސޮއި ކުރުމަށް އެމެރިކާގެ ވައިޓު ހައުސްގައި ބާއްވާ ރަސްމިއްޔާތެއްގައި އިސްރާއީލާއި ޔޫއޭއީގެ އިތުރުން ބަހުރައިންވެސް ބައިވެރިވާނެކަމަށް ޓްރަންޕު ވިދާޅުވިއެވެ. ކުރު މުއްދަތެއްގެ ތެރޭގައި އިސްރާއީލާއި ބަހުރައިނާ ދެމެދު ޚާރުޖީ ގުޅުން ޤާއިމްކުރުމަށް ނިންމިދާނެކަމަށް ކުރިން ހީފުޅު ނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އަރަބި އިތުރު ޤައުމުތަކުން އެގޮތަށް ޢަމަލުކުރާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ފަލަސްޠީނުންވަނީ ބަހުރައިނުގެ ނިންމުން ކުށްވެރިކޮށްފައެވެ. އެ ނިންމުމަކީ ފަލަސްޠީނަށްވެވޭ ޚިޔާނާތެއްގެ ގޮތުގައި އެ ޤައުމުންވަނީ ސިފަކޮށްފައެވެ. އީރާނުން ބުނީ އެ ނިންމުމަކީ އިސްލާމުން ކުރަމުންދާ މަސައްކަތަށާއި ފަލަސްޠީނުގެ ރައްޔިތުންނަށް ބޭވަފާތެރިވުންކަމަށެވެ. ތާރީޚުން ފިލާވަޅު ލިބިގަނެ އެމެރިކާއާއި ޒަޔަނިސްޓުންގެ ރޭވުންތަކަށް ތަބާނުވުމަށް ޔޫއޭއީއާއި ބަހުރައިނުގެ އިސްވެރިންނަށް އީރާނުންވަނީ ގޮވާލައިފައެވެ. އޭގެ އިތުރުން ތުރުކީވިލާތުންވެސްބަނީ ބަހުރައިނުގެ ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ތުރުކީވިލާތުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އެ އެއްބަސްވުމުގެ ސަބަބުން ފަލަސްޠީނުގެ ބިންތައް އިސްތިޢުމާރުކުރުމަށް އިސްރާއީލަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށެވެ.

ނަމަވެސް ޔޫއޭއީއިންވަނީ ބަހުރައިނުގެ ނިންމުމަށް މަރުހަބާ ކިޔައިފައެވެ. ޔޫއޭއީއިން ބުނީ އެ ނިންމުމުގެ ސަބަބުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ހަމަޖެހުމާއި އެއްބާރުލުމަށް މަގުފަހިކޮށްދޭނެކަމަށް އުއްމީދުކުރާކަމަށެވެ. އޭގެ އިތުރުން މިޞްރުގެ ރައީސް އަބްދުލް ފައްތާޙު އަލްސީސީވަނީ ބަހުރައިނުގެ ނިންމުމަކީ 'މުހިންމު ފިޔަވަޅެއް'ގެ ގޮތުގައި ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ ފަލަސްޠީނުގެ މައްސަލައަށް އިންސާފުވެރި ޙައްލެއް ހޯދައި މެދުއިރުމަތީގައި ސުލްޙަ ޤާއިމްކުރުމަށް އެއްބަސްވުން އެހީތެރިވެދޭނެކަމަށެވެ.