ޚަބަރު

ފޯކައިދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި


މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ފޯކައިދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 52 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރު ކޮށްފައިވަނީ މާލެއިން ފުރައިގެން ފޯކައިދުއަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ 15:14 އެހާކަންހާއިރު ފޯކައިދޫ ބަނދަރު ސަރަޙައްދުން ކަމަށް ފުލުހުން ވިދާޅުވެއެވެ.

އެމީހާ ހުއްޓުވައި އޭނާގެ ހަށިގަނޑާއި އޭނާ އެވަގުތު ހިފައިގެން ހުރި ފޮށިގަނޑު ބަލާ ފާސްކުރިއިރު އެފޮށިގަނޑު ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ށ.ފޯކައިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. މި މައްސަލަ ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވެއެވެ.