ޚަބަރު

އެމްއެމްސީއާއި، ބްރޯޑްކޮމް އެއްކޮމިޝަނަކަށް ހެދުމަށްޓަކައި އޭޖީގެ ލަފާ މިފެށޭ ދައުރުގައި ލިބޭނެ - ރޮޒޭނާ

ބްރޯޑްކާސްޓިން ކޮމިޝަނާއި، މޯލްޑިވްސް މީޑިޔާ ކައުންސިލް އެއްކޮށްލުމުގެ މަސައްކަތުގައި މަޖިލީހުން ގިނަ މަަސައްކަތްތަކެއް ކޮށް މިފެށޭ ދައުރުގެ ތެރޭގައި އޭޖީގެ ލަފަޔާއެކު، ދެކޮމިޝަން އެއްކޮލުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނާއި، މޯލްޑިވްސް މީޑިޔާ ކައުންސިލް އެއްކޮށްލުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ކޮމިޝަންތަކުން މަސައްކަތްތައް ކުރަމުންދާ ގޮތާއި، ހުރި ކަންބޮޑުވުންތައް ދެނެގަތުމަށް ބޭއްވި ބައްދަލުވުންތަކަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީންވަނީ ބްރޯޑްކޮމްއާއި، އެމްއެމްސީން ކުރަނީ ދާދި އެއްމަސައްކަތެއްކަން ފާހަނގަވުމުން ދެކޮމިޝަން އެއްކޮށްލުމުގެ މަސައްކަތް ފަށާފައެވެ.

ދެކޮމިޝަން އެއްކޮށްލުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީންވަނީ ސަބްކޮމިޓީއެއް އެކުލަވާލައި ދެކޮމިޝަން އެއްކޮށްލުމާއި ގުޅޭގޮތުން ކޮމިޓީއަށް ފެންނަ ޚިޔާލުތަކާއިއެކު އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވާފައެވެ. އަދި މިދެތަން އެއްކޮށްލުމާއި ގުޅޭގޮތުން މިފެށޭ ދައުރުގެ ތެރޭގައި އޭޖީ ދެއްވާ ލަފައެއްގެ މައްޗަށް ބުރަވެ ކޮމިޓީން މަސައްކަތް ފަށާނެކަމަށްވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުޤައްރިރު ރޮޒޭނާ އާދަމް ވިދާޅުވިއެވެ.

މިދެތަން އެއްކޮށްލުމާއި ގުޅޭގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރުން ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިޔާ ކައުންސިލަކީވެސް އެއް މަޤުސަދެއްގައި އެއްކަމެއް ޙާސިލް ކުރުމަށް މަސައްކަތް ކުރަމުންދާ 2 ތަނަށްވާއިރު ދައުލަތަށް ބުރަބޮޑު ނުވާނޭހެން މިދެތަނުގެ މަސައްކަތް ބަދަލުކުރުމަކީ ކޮމިޓީގެ އެކި މަރުހަލާތަކުގައިވެސް ވާހަކަ ދެކެވި ބަހުސް ކުރެވިފައިވާ ކަމެއް ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނާއި، މީޑިއާ ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތާއި މަސައްކަތަކީވެސް މީޑިޔާއާއި ގުޅިންހުރި ކަންކަން ބެލުންކަމަށްވާއިރު، މިކަން އެންމެ އެކަށީގެންވާ ގޮތުގައި ފާއިތުވެދިޔަ ތަނުގައި މިފަރާތްތަކަށް ނުކުރެވޭކަމުގެ ޝަކުވާ ބޮޑުވެ ބްރޯޑްކާސްޓިން ކޮމިޝަނަށްވަނީ ބޮޑު ބަދަލެއްވެސް ގެނެސްފައެވެ. ކުރިން އެކޮމިޝަންގައި ތިއްބެވި މެމްބަރުންގެ ތެރެއިން ދެ މެމްބަރެއް ފިޔަވައި ހުރިހާ މެމްބަރުން މިހާރުވަނީ ބަދަލުކޮށްފައެވެ. މީޑިޔާ ކައުންސިލުގެ މިހާރުގެ މެމްބަރުންގެ ދައުރު ހަމަވާތީ ހޯމް މިނިސްޓްރީން ވަނީ އެކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.