ޚަބަރު

މީޑިއާ ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި


މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހޯމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވި އެމްއެމްސީ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކައުންސިލްގައި ތިއްބަވާ 15 މެމްބަރުންގެ ތެރެއިން 13 މެމްބަރެއްގެ ދައުރު އަންނަ ޑިސެމްބަރު މަހުގެ 11 ވަނަދުވަހަށް ހަމަވާތީކަމަށެވެ. ދައުރު ހަމަވަނީ މީޑިއާތައް ތަމްސީލު ކުރާ 7 މެމްބަރަކާއި އާއްމުންގެ ތެރެއިން ކައުންސިލަށް އިންތިޙާބުވި 6 މެމްބަރެކެވެ. އާއްމުންގެ ތެރެއިން ހޮވާ މެމްބަރުކަމަށް ކުރިމަތިލެވޭނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކަށެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ ކައުންސިލް މެމްބަރުކަމަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 21 ވަނަ ދުވަސްކަމަށެވެ. އަދި މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް މިނިސްޓްރީންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އެމްއެމްސީ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ނަމަވެސް އިންތިޙާބު އޮންނާނެ ދުވަހެއް ހޯމް މިނިސްޓްރީއަކުން އަދި ހާމައެއް ނުކުރެއެވެ.

މީޑިއާތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އޮތުމުން އެ ދެ މުއްސަސާ އެއްކޮށްލަން ޤާނުނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށައަޅާފައެވެ.