ޚަބަރު

ދިފާއީ އަދި ސަލާމަތީ ގުޅުން ހަރުދަނާކުރުމަށް އެމެރިކާއާއިއެކު ފްރޭމްވަރކެއް އެކުލަވާލައިފި


ދިވެހިރާއްޖެއާއި އެމެރިކާގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި ދެޤައުމުގެ ސަރުކާރުން ގުޅިގެން ފްރޭމްވަރކެއް އެކުލަވާލައިފިއެވެ.

"ފްރޭމްވަރކް ފޮރ ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޑިފެންސް - މޯލްޑިވްސް މިނިސްޓްރީ އޮފް ޑިފެންސް - ޑިފެންސް އެންޑް ސެކިއުރިޓީ ރިލޭޝަންޝިޕް"ގެ ނަމުގައި އެކުލަވާލާފައިވާ މި ފްރޭމްވަރކާއި ބެހޭ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައި ވަނީ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ. އަދި އެމެރިކާ ސަރުކާރުގެ ފަރާތުން، މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ، ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޮރ ސައުތު އެންޑް ސައުތު އީސްޓް އޭޝިޔާ، ރީޑް ވަރނަރ އެވެ.

މިކަމަށްޓަކައި އެމެރިކާގައި މިއަދު ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ މާރިޔާ ވަނީ، މި ފްރޭމްވަރކްގެ ސަބަބުން، ދިފާޢީ އަދި ސަލާމަތީ ކަންކަމުގައި، ދެޤައުމުގެ ދެމެދުގައި އޮންނަ ވަރުގަދަ ގުޅުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ މާރިޔާ ވިދާޅުވީ، އިންޑޯ-ޕެސިފިކް ސަރަޙައްދާއި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ދެޤައުމުގެ މަޞްލަޙަތާ ގުޅިފައިވާ ކަމަކަށްވާއިރު، ކޯވިޑް-19 ގެ މި ޙާލަތުގައިވެސް، ކަނޑު ފޭރުމާއި ނިރުބަވެރިކަމާއި ހަރުކަށިފިކުރާއި މަސްތުވާތަކެތީގެ ނުރައްކަލާ، ރާއްޖެއިން ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

އެހެންކަމުން، ބައިނަލްއަޤްވާމީގޮތުންނާއި ސަރަޙައްދީގޮތުން، ދިވެހިރާއްޖެ ފަދަ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމަކަށް، ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި، ދެޤައުމުގެ ސަރުކާރުގެ ދެމެދު މަޝްވަރާކޮށްގެން ކުރިއަށްދިޔުން މުހިންމުކަމަށް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

މި ފްރޭމްވަރކްގެ ދަށުން، ދެޤައުމުގެ ދިފާޢީ ވުޒާރާއިން ގުޅިގެން، އިތުރު ޙަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި، ދެޤައުމުގެ ދިފާޢީ އަދި ސަލާމަތީ ދާއިރާގައި ހިމެނޭ ވެރިންގެ މެދުގައި މަޝްވަރާ ބައްދަލުވުންތައް ބޭއްވުމާއި، ދިވެހިރާއްޖޭގެ ދިފާޢީ މުއައްސަސާ އިތުރަށް ހަރުދަނާކުރުމާއި ބެހޭ ޙަރަކާތްތައް ހިންގުމަށް ފުރުޞަތު ތަނަވަސްކުރުމާއި، މެރިޓައިމް ސެކިއުރިޓީ ނުވަތަ ކަނޑުމަގުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އެއްބާރުލުން އިތުރުކުރުމާއި، ނިރުބަވެރިކަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމާއި، ޤުދުރަތީ ކާރިސާތަކާއި އިންސާނީ އެހީއަށް ބޭނުންޖެހޭ ޙާލަތްތަކުގައި، ގުޅިގެން އޮޕަރޭޝަންތައް ހިންގުން ފަދަ ކަންކަން ހިމެނެއެވެ.

މިނިސްޓަރ މާރިޔާ މިވަގުތު ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި އެމެރިކާގައެވެ. މި ދަތުރުފުޅަށް ދިވެހި ސަރުކާރުން އެއްވެސް ޚަރަދެއް ކޮށްފައި ނުވާކަމުގައި ޑިފެންސް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.