ބ.އޭދަފުށީގެ ޖަމީއްޔާއެއް ކަމަށްވާ ވެލާ ސްޕޯޓްސް ކްލަބުން އިންތިޒާމްކޮށްގެން ބޭއްވި ލޮބީން ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ވެލާ ސިޓީ ހޯދައިފިއެވެ.
ވެލާ ސިޓީން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ކައްކަނީ ފަސޭހަކަމާއެކު 5-1 އިން ބަލިކޮށްގެންނެވެ. މޮޅު ކުޅުމެއް ވެލާ ސިޓީގެ ފަރާތުން ފެނިގެން ދިޔަ މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދީ ވެލާ ސިޓީގެ އަޙުމަދު އަޝްރަފް (ސޮބީ) އެވެ. އަޝްރަފް ވަނީ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފައެވެ.
އަޝްރަފްގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ތެރޭގައި ހިމެނުނީ ވެލާ ސިޓީގެ ޝާހީ މޫސާ އާއި ގޯލްކީޕަރ އަލީ އަޖްފާން އަދި އިރުމަތީ ލަވާސްގެ މުހައްމަދު ފާސިރުގެ އިތުރުން ރަނަރަޕްކަން ހޯދި އެފްސީ ކައްކަނީގެ އަލީ ނަޝީރުއެވެ.
ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ 21 އަހަރު ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ކައްކަނީގެ ގޯލް ކީޕަރ އަނޫސް އަބޫބަކުރެވެ. މުބާރާތުގެ ފެއަރ ޕްލޭ ކުޅުންތެރިއަކީ ހަމަ އެޓީމްގެ ޢަބްދުﷲ ޝަޙީމްއެވެ.
އޭދަފުށީގެ ޖަމީއްޔާއެއް ކަމަށްވާ ވެލާ ސްޕޯޓްސް ކްލަބުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދިޔަ މި މުބާރާތަކީ، އޭދަފުށީގައި މިވަގުތު ތިބި ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިޔަށްގެންދިޔަ ފުރަތަމަ މުބާރާތެވެ. އަދި މިއީ ފުޓްސަލް މުބާރާތްތައް ފޯރިއާއެކު ބާއްވަމުން އަންނަ އޭދަފުށީގައި ކޯވިޑް-19 އާ ގުޅިގެން މުބާރާތްތައް ބޭއްވުން މެދުކަނޑާލާފައި އޮތުމަށްފަހު ބޭއްވި ފުރަތަމަ މުބާރާތެވެ.