ޚަބަރު

ހޯޑެއްދޫން އަނެއްކާވެސް 2 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


ގދ ހޯޑެއްދޫން އަނެއްކާވެސް އިތުރު ދެމީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވާފައިވާ ގޮތުގައި، އެރަށުން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ އެރަށުން މީގެ ކުރިން ކޯވިޑް-19އަށް ޕޮޒިޓިވްވި ބަޔަކާއި ބައްދަލުވެފައިވާ، އުމުރުން 18 އަހަރުގެ ދެމީހުންނެވެ.

މިއާއި އެކު ހޯޑެއްދޫން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރުވަނީ، 38އަށް އަރާފައެވެ. ހޯޑެއްދޫއަކީ މާލެ ސަރަހައްދު ފިޔަވައި އެންމެ ގިނަ މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ރަށެވެ.

އެޗްއީއޯސީން ހޯޑެއްދޫ ކަނޑައަޅާފައިވަނީ ލޯކަލްޓްރާންސްމިޝަނެއް އޮތް ރަށެއްގެ ގޮތުގައިއެވެ. އަދި އެރަށާއި އެރަށާއި ކޯޒުވޭއިން ގުޅާލާފައިވާ މަޑަވެލިވެސް މޮނިޓަރިންގއަށްލައި އެދެރަށަށް ހުއްދަނެތި އަރައިފޭބުން ވަނީ މަނާކޮށްފައެވެ.

ހޯޑެއްދޫން، ސެޕްޓެމްބަރު، 3 ވަނަ ދުވަހު ފުރަތަމަ ކޯވިޑް-19އަށް ޕޮސިޓިވްވެފައި ވަނީ ފުރަބަންދު ކަރަންޓީންގައި ތިބި 4 މީހުންނެވެ. އެމީހުން ޕޮޒިޓިވްވިކަން އެނގުނީ ހޯމްކަރަންޓީންއިން ދޫކޮށްލުމުގެ ކުރިން ނެގި ސާމްޕަލްތައް ޓެސްޓްކުރުމުންނެވެ.

އޭގެ ފަހުން 4 ސެޕްޓެމްބަރުގައި ވަނީ ފުރަބަންދުގައި ތިބި މީހުންނާއި ގުޅުމެއް ނެތްކަމަށް ބެލެވޭ، 2 މީހުން އެ ރަށުން ޕޮސިޓިވްވެފައެވެ. އެމީހުންނާއި ބައްދަލުވި، 36 މީހުން ޓެސްޓް ކުރި އިރު، އޭގެތެރެއިން 19 މީހަކު ސެޕްޓެމްބަރު 5 ގައި ޕޮޒިޓިވްވެފައިވެއެވެ.

އެޗްއީއޯސީން ދަނީ، ހޯޑެއްދޫގައި ބަލި ފެތުރެން މެދުވެރިވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ.