ޚަބަރު

ހާއްސައެހީއަށް ބޭނުންވާ މީހަކަށް ޖިންސީއަނިޔާކޮށް ވީޑިއޯކުރި ބަޔަކު ބޮޑުފޮޅުދޫން ހައްޔަރުކޮށްފި


ހާއްސައެހީއަށް ބޭނުންވާ އަންހެނަކާއިމެދު ގަދަކަމުން ބަދުއަޚުލާޤީ އަމަލުހިންގައި، ވީޑިއޯކުރި މައްސަލައިގައި އއ ބޮޑުފޮޅުދޫން ދެފިރިހެނުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަަލަ އާއި ގުޅިގެން ބޮޑުފޮޅުދޫން ހައްޔަރުކޮށްފައި ވަނީ، އުމުރުން 28 އަހަރުގެ ފިރިހެނަކާއި، އުމުރުން 23 އަހަރުގެ ފިރިހެނެއް ކަމަށެވެ. މިދެމީހުންނަކީވެސް ދިވެހިން ކަމަށާއި އެމީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ. މިދެމީހުން ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

އެ ދެ މީހުންވެގެން ޚާއްސަ އެހީއަށް ބޭނުންވާ އާއި ގަދަކަމުން ބަދު އަޚުލާޤީ އަމަލުތައް ހިންގާފައި ވަނީ، މިދިޔަ ބުދަދުވަހުގެ ރޭގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ ދެމީހުންވެގެން އެއަމަލުތައް ހިންގީ، އެއަންހެން މީހާ އެރަށުގެ ދޯނިއެހެލާ ސަރަހައްދަށް ގެންދިޔުމަށް ފަހުގައި ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިމައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުޤީޤު ކުރަމުންނެވެ.