ދުނިޔޭގެ ވިޔަފާރި

ޗައިނާގެ ކުންފުނިތަކާއެކު އޮންނަ ގުޅުން ކަނޑާލަން އާސިއާނަށް ގޮވާލައިފި


ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ކުރިއަށްގެންދާ މަޝްރުޢޫތަކަށް އެހީތެރިވާ ކުންފުނިތަކާއެކު ވިޔަފާރީކުރުން ހުއްޓާލުމަށް އެމެރިކާއިން އާސިއާންގެ ޤައުމުތަކަށް ގޮވާލައިފިއެވެ.

ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ކުރިއަށްގެންދާ މަޝްރުޢޫތަކަށް އެހީތެރިވާ ކުންފުނިތަކާއެކު ވިޔަފާރީކުރުން ހުއްޓާލުމަށް އެމެރިކާއިން ގޮވާލާފައިވަނީ، އާސިއާންގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއެކު އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯ ބޭއްވި ބައްދަލުވުމެއްގައެވެ.

އާސީއާންގެ 10 ޤައުމެއްގެ ޚާރިޖީ ވަޒީރުންނާއެކު ބޭއްވި ބައްދަލުވުގައި ޕޮންޕެއޯ ވިދާޅުވީ މައްސަލަ ބޮޑުވެފައިވާ ދެކުނު ޗައިނާ ކަނޑުގައި ރަށްރަށް ހިއްކުމާއި އެހެނިހެން މަސައްކަތްތަކުގައި ހަރަކާތްތެރިވާ ކުންފުނިތަކާއެކު އޮންނަ ގުޅުން އެއްކޮށް ކަނޑާލަންޖެހޭކަމަށެވެ. އަދި ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ހިންގާ ކަންކަމާމެދު އަޑުއުފުލުމުގެ ބަދަލުގައި، އެކަމާ ދެކޮޅަށް އަމަލުކުރަންޖެހޭކަމަށްވެސް ޕޮންޕެއޯ ވިދާޅުވިއެވެ.

ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ހިންގާ މަޝްރޫޢުތަކުގައި ހަރަކާތްތެރިވާ ކުންފުނިތަކާ ގުޅުން ކަނޑާލުމަށް އެމެރިކާއިން ގޮވާލާފައިވާއިރު، އެމެރިކާއިން ވަނީ އެމަސައްކަތުގައި ހަރަކާތްތެރިވާ ވިއްސަކަށް ކުންފުންޏާ ދެކޮޅަށް މިހާރު ފިޔަވަޅު އަޅާފައެވެ.

މައްސަލަ ބޮޑުވެފައިވާ ދެކުނު ޗައިނާ ކަނޑުގައި ޗާއިނާއިން ބާރުގަދަކުރަމުންދާއިރު، އެމެރިކާއިންވެސް ދަނީ އެސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ. ޗައިނާއިން ބުނާގޮތުން ދެކުނު ޗައިނާ ކަނޑުގެ ބޮޑު ބަޔަކީ ޗައިނާގެ ސަރަޙައްދުތަކެކެވެ. ނަމަވެސް ވިއެޓްނާމް، ފިލިޕީންސް، މެލޭޝިޔާ، ބުރުނާއީ އަދި ޓައިވާނުންވެސް ދަނީ ދެކުނު ޗައިނާ ކަނޑުގެ އެކި ސަރަޙައްދުތައް ހޯދުމަށް ދައުވާކުރަމުންނެވެ.

2016 ވަނަ އަހަރު ބައިނަލްއަޤްވާމީ ޓްރައިބިއުނަލްއަކުން ވަނީ ޗައިނާއިން ދެކުނު ޗައިނާ ކަނޑަށް އަތްގަދަކޮށްގެން އުޅެނީ ބައިނަލްއަޤްވާމީ އުސޫލުތަކާ ޚިލާފަށްކަމަށް ނިންމާފައެވެ. ނަމަވެސް އޭގެފަހުން ޗައިނާއިން ވަނީ އެސަރަޙައްދުގައި ކުރިއަށްގެންދާ މަސައްކަތްތައް ކުރިއަށްވުރެ އަވަސްކޮށް، ފުޅާކޮށްފައެވެ.