ޚަބަރު

އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމްކުރުމާގުޅޭ މަޝްވަރާތައް ފެށުމަށް ތައްޔާރުވެއްޖެ


އަފްޣާނިސްތާނުގެ ސަރުކާރާއި ޠާލިބާނުންނާ ދެމެދު ބާއްވާ ޞުލްޙައިގެ މަޝްވަރާތައް ސެޕްޓެމްބަރު މަހުގެ 12ވަނަ ދުވަހު ޤާތަރުގެ ދައުހާގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

ޤަތަރުގެ ޚާރިޖީ ވުޒާރާރިން ނެރުނު ބަޔާނެއްގައި ބުނީ އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމްކުރުމާގުޅޭ މަޝްވަރާތައް އެ ޤައުމުގެ ދައުހާގައި ސެޕްޓެމްބަރު މަހުގެ 12ވަނަ ދުވަހު ފެށޭނެކަމަށެވެ. އެ މަޝްވަރާތަކަކީ އަފްޣާނިސްތާނުގައި ދާއިމީގޮތަކަށް ޞުލްޙަ ޤާއިމްކުރުމާ ކައިރިއަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ބަޔާނުގައިވަނީ ބުނެފައެވެ. ޤަބޫލުކުރެވޭގޮތުގައި އަފްޣާނިސްތާނުގައި ދާއިމީކޮށް ޙަމަލާބަދަލުކުރުން ހުއްޓާލުމަށް ދެ ފަރާތުންވެސް ބައްދަލުވުންތަކުގައި މަޝްވަރާކުރާނެއެވެ. އޭގެ އިތުރުން ޤައުމުގެ ސިޔާސީ މަޝްރަހު ހަމައަކަށް އެޅުވުމާގުޅޭގޮތުންވެސް މަޝްވަރާކުރާނެކަމަށް ބެލެވެއެވެ.

އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމަށް ޠާލިބާނުންނާއި އެމެރިކާއިން މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މާރިޗު މަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ސަރުކާރާއެކު ޠާލިބާނުން މަޝްވަރާކުރުމަށްވަނީ ޝަރުތުކޮށްފައެވެ. އެއްބަސްވުމުގެ ދަށުން އަފްޣާނިސްތާނުން ހައްޔަރުކޮށްފައިވާ 5،000 ޠާލިބާނު ހަނގުރާމަވެރިން މިނިވަންކުރުމަށް އެ ޤައުމުގެ ސަރުކާރުންވަނީ އެއްބަސްވެފައެވެ. އޭގެ ބަދަލުގައި ޠާލިބާނުންގެ ބެލުމުގެ ދަށުގައިތިބި އަފްޣާނިސްތާނުގެ 1،000 ސިފައިން ދޫކޮށްލުމަށް އެ ޖަމާޢަތުންވަނީ އެއްބަސްވެފައެވެ. ނަމަވެސް ނުރައްކާތެރި މުޖުރިމުންގެ ގޮތުގައި ބެލެވޭ 400 ހަނގުރާމަވެރިން މިނިވަންކުރުމަށް އަފްޣާނިސްތާނުގެ ސަރުކާރުން ފަސްޖެހުމުން ޞުލްޙައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހުރަސް އެޅުނެވެ. އޭގެ ފަހުން ގިނަ ޢަދަދެއްގެ ހަނގުރާމަވެރިން އަނެއްކާވެސްވަނީ ދޫކޮށްލައިފައެވެ. ނަމަވެސް ފަރަންސޭސިވިލާތާއި އޮސްޓްރޭލިއާއިން އެ ޤައުމުގެ ރައްޔިތުން މަރާލުމުގައި ބައިވެރިވާ 6 ހަނގުރާމަވެރިން ދޫކޮށްލުމަށް ދެކޮޅުހެދުމުން މަޝްވަރާތަކަށް އަނެއްކާވެސް ހުރަސްއެޅުނެވެ.

ޠާލިބާނުންނާއި އަފްޣާނިސްތާނުގެ ސަރުކާރުގެ މަސްދަރުތަކުން ބުނީ އެ 6 ހަނގުރާމަވެރިން ދޫކޮށްލުމާމެދު މިހާރު ގޮތެއް ނިންމާފައިވާކަމަށާއި އެ ހަ މީހުން ޤަތަރަށް ގެންގޮސްފައިވާކަމަށެވެ. އެ ހަ މީހުންވެސް ތިބޭނީ ޤަތަރުގެ ބެލުމުގެ ދަށުގައެވެ. ފެބްރުއަރީ މަހުގެ އެއްބަސްވުމުގެ ދަށުން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެ ޤައުމުން ފޮނުވާލުމަށްވެސް އެމެރިކާއިންވަނީ އެއްބަސްވެފައެވެ. އޭގެ ބަދަލުގައި އެމެރިކާއަށް އެއްވެސް ނުރައްކަލެއް ނުކުރާނެކަމަށް ޠާލިބާނުންވަނީ އެއްބަސްވެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު ވިދާޅުވީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯ ޤަތަރުގައި ބާއްވާ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. ޞުލްޙައިގެ މަޝްވަރާތައް ފެށުމަކީ ފާއިތުވި 40 އަހަރު އަފްޙޣާނިސްތާނުގައި އޮތް ހަނގުރާމައިގެ ޙާލަތާއި ލޭ އޮހޮރުވުންތަކަށް ނިމުމެއް ގެނެސްދޭނެކަމެއްކަމަށް ޕޮންޕެއޯވަނީ ސިފަކުރައްވާފައެވެ.