ޚަބަރު

ހިލްޓަންގެ މައްސަލާގައި ސަންޓްރެވަލްސްގެ އެކައުންޓްތައް ފްރީޒްކޮށްފި

ސަން ޓްރެވަލްސް ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

ސިވިލް ކޯޓުން މި އަމުރު ނެރުނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެ ކޯޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ފޮނުވި އަމުރުގައި ވިދާޅުވެފައި ވަނީ، އެ ކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރުމަށާއި އަދި އެކައުންޓްތަކުގެ ތަފްސީލުތައް ސިވިލް ކޯޓަށް ފޮނުވުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރުމަށް އަންގާފައިވަނީ ސަން ޓްރެވަލްސްއާ ދެކޮޅަށް ހިލްޓަން އިންޓަނޭޝަނަލް ކުންފުނިިން ހުށަހަޅާފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަންއާ އެކު ހެދި އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކޮށްފައިވަނީ 2013ވަނަ އަހަރުއެވެ.

އިރުފުށީގެ ކޮންޓްރެކްޓް ސަން ޓްރެވަލް އިން ބާތިލްކޮށް 221 އެނދުގެ އެ ރިސޯޓް ހިންގަމުން އަންނަނީ އެ ކުންފުނިން އަމިއްލައަށް، "ސަން ސިޔާމް" ބްރޭންޑްގެ ރިސޯޓެއްގެ ގޮތުގައެވެ. ކޮންޓްރެކްޓް ބާޠިލްކުރި ސަބަބެއް މިހާތަނަށް ސަންޓްރެވަލް އިން ވެސް އަދި ހިލްޓަންއިން ވެސް ހާމަކޮށްފައެއް ނުވެއެވެ. ދުނިޔޭގައި އެތައް ސަތޭކަ ހޮޓަލެއް ހިންގާ ހިލްޓަން އިން ވެސް ހަމައެކަނި ބުނެފައި ވަނީ ރިސޯޓުގެ މެނޭޖްމަންޓު އެ ކުންފުނިން ވަކިކުރީ ބާރު ނުފޯރުވޭ ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ.

ސަން އިން ރާއްޖޭގައި ހަތަރު ރިސޯޓު ހިންގައެވެ. އެ ކުންފުނީގެ ރިސޯޓު ވިޔަފާރި މިހާރު ވަނީ "ސަން ސިޔާމް"ގެ ނަމަށް 2014 ވަނަ އަހަރުގެ ފެބުރުއަރީގައި ބަދަލުކޮށްފައެވެ.

ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ނެރެފައިވާ އަމުރާ އެއްގޮތަށް ސަން ޓްރެވަލްސް އިން ފައިސާ ނުދައްކާތީ މީގެ ކުރިން ރާއްޖޭގެ ކޯޓުތަކަށް ހިލްޓަން އިން މައްސަލަ ހުށަހަޅާފައިވެއެވެ.