ޚަބަރު

މޮރޮކޯއިން ރާއްޖެއަށް ކަނޑައަޅުއްވާ އޮނަރަރީ ކޮންސުލް އަކަށް އަހުމަދު ނާޝިދު


މޮރޮކޯއިން ރާއްޖެއަށް ކަނޑައަޅުއްވާ އޮނަރަރީ ކޮންސުލް އަހުމަދު ނާޝިދަށް މަގާމުގެ ރަސްމީ ލިޔުން (އެގްޒެކެޓަރ) ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަރުވައިފިއެވެ.

މިއަދު މެންދުރު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ނާޝިދަށް އެގްޒެކެޓަރ އެރުވުމަށްފަހު، މިނިސްޓަރ ޝާހިދު ވަނީ ދެޤައުމުގެ ގުޅުން ބަދަހިކުރުމުގައި އޮނަރަރީ ކޮންސުލްގެ ދައުރުގެ މުހިއްމު ކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

އަހުމަދު ނާޝިދަކީ އޭޑީކޭ ކޮމްޕެނީގެ ޗެއާމަން އަދި ސީއީއޯއެވެ. އޭނާވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައެވެ.

އެހެން ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާ އޮނަރަރީ ކޮންސުލްގެ ގޮތުގައި ތިއްބަވަނީ އެގައުމުތަކުގެ ސަރުކާރުތަކުން ކަނޑައަޅުއްވާ ބޭފުޅުންނެވެ. އޮނަރަރީ ކޮންސުލް އިން އައްޔަންކުރުމުގައި ދިވެހި ސަރުކާރުގެ ދައުރަކީ އޮނަރަރީ ކޮންސުލްގެ ގޮތުގައި އެގައުމަކުން ކަނޑައަޅާ ބޭފުޅަކު، ރާއްޖޭގައި އޮނަރަރީ ކޮންސުލްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ދެއްވުމެވެ. އޮނަރަރީ ކޮންސުލް ކަނޑައެޅުމުގައި ދިވެހި ސަރުކާރުގެ އަދި ފޮރިން މިނިސްޓްރީގެ އެއްވެސް ދައުރެއް ނޯވެއެވެ. މިކަން ހިނގަނީ ވިއެނާ ކޮންވެންޝަންސްގެ ދަށުންކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.