ޚަބަރު

ހުއްދަނެތި މަޑަވެލިން ދޮންފަނަށް ދިޔަ މީހަކު ހައްޔަރު ކޮށްފި


އެޗްޕީއޭގެ އުޞޫލާއި ޚިލާފަށް ހުއްދަނެތި ގދ. މަޑަވެލިން ބ. ދޮންފަނަށް ދިޔަ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން މަޑަވެލި މޮނީޓަރިންއަށް ލާފައިވަނިކޮށް ހުއްދަ ނެތި އަދި އެޗްޕީއޭގެ ގައިޑްލައިންއާއި ޚިލާފަށް އެ ރަށުން ފުރައިގެން ބ. ދޮންފަނަށް ދިޔަ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭ 19:20 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ.

މަޑަވެލި މޮނިޓަރިންއަށްލާފައި ވަނީ އެ އަތޮޅު ހޯޑެއްދޫން އިން ކޯވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުން އެޗްޕީއޭގެ ހުއްދަނެތި ފުރުމާއި ލެފުމަކީ މަނާކަމެކެވެ.

އެ އުޞޫލާ ޚިލާފަށް އެއްރަށުން އަނެއްރަށައް ދަތުރުކުރާ މީހުން ފުލުހުން އަންނީ ހައްޔަރުކުރަމުންނެވެ.