ރާއްޖެއަކީ ރުބެއްލާ މުޅިން ނައްތާލެވިފައިވާ ޤައުމެއްކަމުގައި ކަނޑައަޅައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް ސެޓިފިކެޓްދީފިއެވެ.
 
ރާޢްޖެއަކީ ރުބެއްލާ ނައްތާލާފައިވާ ޤައުމެއްކަމަށް ޑަބްލިއުއެޗްއޯން ހާމަކޮށްފައި ވަނީ މިއަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. 
ރާއްޖެއިން ރުބެއްލާ ނައްތާލެވިފައިވާކަން ފާހަގަކުރުމުގެ ލިޔުން ދީފައި ވަނީ މިހާރު ކުރިއަށްދާ ޑަބްލިއުއެޗްއޯގެ 73 ވަނަ ރީޖަނަލް ބައްދަލުވުމުގައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ  މީސަލްސް އާއި ރުބެއްލާ ނައްތާލުމުގެ ޓާގެޓުގެ ތިން އަހަރު ކުރިން ރާއްޖެއިން ރުބެއްލާ ނައްތާލެވިފައިވާ ކަމަށެވެ. ރާއްޖެއަކީ މި ސަރަހައްދުން ރުބެއްލާ ނައްތާލެވުނު ތިން ގައުމުގެ ތެރެއިން އެއް ގައުމެވެ. 2023 ވަނަ އަހަރު އަންނަންވާ އިރަށް ދެކުނު އިރުމަތީ އޭޝިއާއިން ހިމަބިއްސާއި ރުބެއްލާ ނައްތާލުމަށް ވަނީ އަމާޒު  ކަނޑައަޅާފައެވެ. 
މިހާތަނަށް އެ އަމާޒަށް ވާސިލުވި ދެ ޤައުމަކީ ސްރީލަންކާ އާއި ދިވެހިރާއްޖެއެވެ.
ރާއްޖޭގައި ރުބެއްލާ އަދި ކޮންޖެނިޓަލް ރުބެއްލާ ސިންޑްރޯމް، ކޮންޓްރޯލް ކުރެވިފައިވާތީ އެކަން ފާހަގަކޮށް ޑަބްލިއުއެޗްއޯ އިން ވަނީ 2018 ތެރޭގައިވެސް ސެޓްފިކެޓެއް ދީފައެވެ. އަދި 2019 ވަނަ އަހަރު ވަނީ އެކަމުގެ އެވޯޑެއްވެސް ރާއްޖެއަށް ލިބިފައެވެ. 
ރާއްޖެއިން އަންނަނީ ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތައް ރާއްޖޭގައި ފެތުރުން ކޮންޓްރޯލްކޮށް ނައްތާލުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި ގުޅިގެން މަސައްކަތްކުރަމުންނެވެ. އެގޮތުން ނުރައްކާތެރި ބަލިތައްކަމަށްވާ މެލޭރިއާ އާއި ފައިލޭރިއާ އަދި ލެޕްރަސީ ފަދަ ބަލިތައް ވަނީ ރާއްޖެއިން މުޅިން ނައްތާލެވިފައެވެ.