ކުރިއަށް އޮތް ތަނުގައި އެމެރިކާއާއެކު ހިނގައިފާނެ އަސްކަރީ ކުރިމަތިލުމަކަށް ތައްޔާރުވުމުގެ ގޮތުން، އީރާނުން އައު ހަތިޔާރާއި ޒަމާނީ އަސްކަރީ ވަޞީލަތްތަކުގެ އިތުރުން ފަންނީ ޤާބިލުކަން އިތުރުކޮށްފައިވާ ކަމަށް އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ހާމަކޮށްފިއެވެ.
އީރާނުގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނު، ބްރިގޭޑިއަރ ޖެނެރަލް ރިޛާ ޠަލާއީ-ނީކް އެ ޤައުމުގެ މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ދުޝްމަނުން ސިއްސުވާލާނެ ފަދަ ވަރުގަދަ އަސްކަރީ އުކުޅުތައް ދެން ފެނިގެންދާނީ ކުރިއަށް އޮތް ހަނގުރާމައިގެ މައިދާނުން ކަމަށެވެ.
އީރާނުގެ ރައީސް މަސްޢޫދު ޕިޒިޝްކިޔާންގެ ސަރުކާރުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ހަނގުރާމައިގެ ދެ ޙާލަތަކާއި ސަރަޙައްދީ ސަލާމަތާ ގުޅުންހުރި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނުކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ހަމަލާތަކުގެ ދާއިރާ ފުޅާވެ، ދުޝްމަނުންގެ ކުރިމަތިލުންތައް ވަރުގަދަވި ނަމަވެސް، ސަރުކާރުން ވަނީ އީރާނުގެ އަސްކަރިއްޔާއަށާއި، އީރާނުގެ އިންޤިލާބީ ފައުޖު، އައިއާރުޖީސީއަށް ބޭނުންވާ އެންމެހައި އެހީތެރިކަން ފޯރުކޮށްދީ، ދުޝްމަނުންގެ މަޤްޞަދުތައް ނާކާމިޔާބުކޮށްލާފައި ކަމަށެވެ.
ފަހުގެ ކުރިމަތިލުންތަކުގައި ބައެއް ގެއްލުންތައް ލިބުނު ކަމުގައި ވީނަމަވެސް، އޭގެ ސަބަބުން ސިޔާސީ، އިޖުތިމާޢީ، އަދި ޚާއްޞަކޮށް ދިފާޢީ ސިނާޢަތް އިތުރަށް ތަރައްޤީކުރުމަށް އައު ދޮރުތަކެއް ހުޅުވިގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، ހަނގުރާމައިގެ ކުރިންވެސް ހަތިޔާރާއި ވަޞީލަތްތަކުގެ ރިޒާވެއް ބިނާކޮށްފައިވާ ކަމަށާއި، ހަނގުރާމައިގެ ޙާލަތުގައިވެސް އަމިއްލަ އަދި އުފެއްދުންތެރި 9,300 އަށްވުރެ ގިނަ ކުންފުނީގެ ވިއުގައަކުން މެދުކެނޑުމެއްނެތި މަސައްކަތްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ދިފާޢީ ސިނާޢަތުގެ ތިންބައިކުޅަ ދެބައި ޙިއްސާކުރާ ވިއުގައެކެވެ.
މީގެއިތުރުން،އެމެރިކާ އާއި ޔަހޫދީ ދައުލަތާ ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމައަށްފަހު އީރާނުގެ ހަތިޔާރު އުފެއްދުމުގެ ޤާބިލުކަން ދެގުނައަށް އިތުރުކުރެވިފައިވާ ކަމަށާއި، ބައެއް ބާވަތްތައް އުފައްދާ މިންވަރު އެތައް ގުނައަކަށް މަތިކުރުމަށް އަމާޒު ހިފާފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ. އަދި ދުރުރާސްތާ މިސައިލާއި، ކުރޫޒް މިސައިލް އަދި ޑްރޯން ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ސަފަށް އެރުމަށް އީރާނުން މަސައްކަތްކުރަމުންދާއިރު، އިތުރުވާ އުފެއްދުންތައް ބޭރުގެ ޤައުމުތަކަށް އެކްސްޕޯޓް ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުން މިހާރު 1,000 އަށްވުރެ ގިނަ ބާވަތުގެ އަސްކަރީ އާލާތްތައް އަމިއްލައަށް އުފައްދަމުން އަންނައިރު، ދިފާޢީ ދާއިރާގެ އަމިއްލަ ފުދުންތެރިކަން ވަނީ 90 އިންސައްތައަށްވުރެ މައްޗަށް ޖެހިލާފައެވެ. ތަރުޖަމާނު ފާހަގަކުރެއްވި ގޮތުގައި، އެހެން ޤައުމުތަކުގެ ޓެކްނޮލޮޖީ ނަކަލުކުރުމުގެ ބަދަލުގައި، އީރާނުން މިހާރު ދަނީ އަމިއްލަ ޑިޒައިންތަކާއި އީޖާދީ ޓެކްނޮލޮޖީ ތަރައްޤީކުރަމުންނެވެ.
ހަނގުރާމައިގެ ކުރީކޮޅު އީރާނުގެ އަސްކަރީ، އިޤްތިޞާދީ އަދި އިޖުތިމާޢީ ބާރުތައް ރޫޅިގެންދާނެ ކަމަށް ދުޝްމަނުން ހީކުރި ނަމަވެސް، ކަންވީ މުޅިން އިދިކޮޅަށް ކަމަށާއި، މި ކުރިމަތިލުމުގައި ދުޝްމަނުންނަށް ފެނުނު އެންމެ ބޮޑު ހައިރާންކަމަކީ އީރާނުގެ ސާބިތުކަން ކަމުގައި އޭނާ ސިފަކުރެއްވިއެވެ.
އީރާނުގެ ދިފާޢީ އުކުޅުތައް ބިނާވެފައިވަނީ ދުޝްމަނުންނަށް އިސްނެގުމުގެ ފުރުޞަތު ނުދީ، ދިފާޢުވުމާއި ހަމަލާދިނުން އެކުލެވޭ ވަރުގަދަ ނިޒާމެއްގެ މައްޗަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ޑްރޯންތަކުން ދިފާޢުވުމުގެ ނިޒާމުތައް ވަރުގަދަކޮށް، ކުރީގެ ތަޖުރިބާތަކުގެ އަލީގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އަސްކަރިއްޔާއަށް ލިބޭ ގެއްލުންތައް ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް ތަނުގައިވެސް ކުއްލި ޙާލަތްތަކުގައި ބޭނުންކުރުމަށްޓަކައި ހަތިޔާރާއި، ޓެކްނޮލޮޖީ އަދި އަސްކަރީ އުކުޅުތަކުގެ ގިނަ ވަޞީލަތްތަކެއް ތައްޔާރުކުރެވިފައިވާ ކަމަށާއި، އެ ކަންކަމުގެ ހަޤީޤީ ބާރު ދުޝްމަނުންނަށް ފެންނާނީ ހަނގުރާމައިގެ މައިދާނުން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.