ކޯވިޑްއާ ގުޅިގެން ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތަކުން އަރައިގަތުމަށް ދެކުނު ކޮރެޔާއިން އިތުރު ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރުމުގެ މަސައްކަތް ދެކުނު ކޮރެޔާގެ ސަރުކާރުން ފަށާފައިވާއިރު، މިއީ މިއަހަރު އެޤައުމުން ފާސްކުރާ 4 ވަނަ ސަޕްލިމެންޓަރީ ބަޖެޓެވެ.
ދެކުނު ކޮރެޔާގެ އިސްވެރިންނާއެކު ބޭއްވި އިމަޖެންސީ އިކޮނޮމިކް ޕޮލިސީ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ދެކުނު ކޮރެޔާގެ ރައީސް މޫން ޖާއޭ ވިދާޅުވީ އަލަށް ފާސްކުރާ ސަޕްލިމެންޓަރީ ބަޖެޓަކީ 6.58 މިލިއަން ޑޮލަރުގެ ބަޖެޓެއްކަމަށެވެ. އަދި އެބަޖެޓްގެ ބޮޑު ބައެއް ޚަރަދުކުރާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކޮޅަށްޖަހާ، އިޖްތިމާއީ ދުޅަހެޔޮކަމަށްކަމަށް އޭނާ ވިދާޅުވިއެވެ.
6.68 ބިލިއަން ޑޮލަރުގެ ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރަން ކޮރެޔާއިން މަސައްކަތްކުރަމުންދާއިރު، މިއަހަރުގެ މިހާތަނަށް އެޤައުމުން ވަނީ އިޤްތިޞާދު އަލުން ކޮޅަށްޖެހުމަށް 233.6 ބިލިއަން ޑޮލަރުގެ ޕެކޭޖެއްވެސް ތަޢާރަފްކޮށްފައެވެ.
އޭޝިޔާގެ 4 ވަނައަށް އެންމެ ބޮޑު އިޤްތިޞާދުކަމަށްވާ ދެކުނު ކޮރެޔާއިން ފާސްކުރަން މަސައްކަތް ސަޕްލިމެންޓަރީ ބަޖެޓުގެ ތެރެއިން 5.9 ބިލިއަން ޑޮލަރު ޚަރަދުކުރާނީ ވިޔަފާރިތަކަށް އެހީވުމަށާއި، ވަޒީފާ ނެތް ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މިބަޖެޓްގެ ތެރެއިން ވަޒީފާ ނެތް ޒުވާނުންނަށް މަހަކު 420 ޑޮލަރުގެ އިނާޔަތެއް ދިނުމަށް މަސައްކަތްކުރާއިރު، މި އިނާޔަތް ދޭނީ ކިހާ މުއްދަތަކަށްކަމެއް އަދި ނިންމާފައެއް ނުވެއެވެ. ޒުވާނުންނަށް ދޭ އިނާޔަތްތަކުގެ އިތުރުން ޗާލްޑް ކެއަރގެ ގޮތުގައި ދުވާލަކު 160 ޑޮލަރު ދިނުމަށްވެސް ކޮރެޔާ ސަރުކާރުން ދަނީ މަޝްވަރާކުރަމުންނެވެ.
މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައިވެސް ކޮރެޔާ ސަރުކާރުން ވަނީ އެޤައުމުގެ ރައްޔިތުންނަށް މާލީގޮތުން އެހީވުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން 7 އަހަރުން ދަށުގެ ކުދިން ތިބި މައިންބަފައިންނަށް 330 ޑޮލަރުގެ އިނާޔަތެއް ވަނީ ފޯރުކޮށްދީފައެވެ. އަދި އުމުރުން 13 އަހަރުން މަތީގެ މީހުންގެ ފޯނު ބިލުތަކަށް ޙާއްސަ ޑިސްކައުންޓްތަކެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ.
މިފަދަ އިނާޔަތްތައް ހުއްޓާނުލާ ކުރިއަށްގެންދިއުމަށް ކޮރެޔާ ސަރުކާރުން އިތުރު ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ވަރަށް އަވަހަށް ކޮރެޔާގެ ނެޝަނަލް އެސެމްބްލީއަށް މިބަޖެޓް ފާސްކުރުމަށް ހުށަހަޅާނެކަމަށް ޚަބަރުތައް ބުނެއެވެ.