ސިއްހަތު

ޑަބްލިއު.އެޗް.އޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ "ރީޖަނަލް ކޮމެޓީ"ގެ 73 ވަނަ ބައްދަލުވުން ފަށައިފި


ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ކޮމެޓީގެ 73 ވަނަ ބައްދަލުވުން ފެށިއްޖެއެވެ.

ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މިބައްދަލުވުން ކޯވިޑް-19 އާއި ގުޅިގެން މިއަހަރު ބާއްވަނީ "ވަރޗުއަލް" ބައްދަލުވުމެއްގެ ގޮތުގައެވެ. މިމަހުގެ 09 އިން 10 އަށް ކުރިޔަށްދާ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ މިނިސްޓްރީ އޮފް ހެލްތުގެ ވަފްދުގެ އިސްކޮށް ހުންނެވީ މިނިސްޓްރީ އޮފް ހެލްތުގެ ޕާމަނަންޓް ސެކެޓްރީ ޢާއިޝަތު ސާމިޔާއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ މިސަރަޙައްދުގެ 11 ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރުންނާއި، ޞިއްޙީ ދާއިރާގެ އިސްވެރިންނާއި، ފަންނީ ބޭފުޅުން ހިމެނޭގޮތަށް ސަރަޙައްދުގެ ރައްޔިތުންގެ ސިއްޙަތާ ގުޅޭ މުހިންމު ކަންތައްތައް ކަނޑައަޅާ، ސަރަޙައްދުގެ ޞިއްޙީ ކުރިއެރުމަށް މަޝްވަރާކޮށް ކަންކަން ނިންމުމަށް އަހަރަކު އެއްފަހަރު ބާއްވާ އެންމެ މުހިންމު 'ގަވަނަންސް' ބައްދަލުވުމެވެ. މިއަހަރުގެ ބައްދަލުވުމުގައި މެމްބަރު ޤައުމުތަކުން ކޯވިޑް-19 އާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި، ކުރެވުނު ތަޖުރިބާއާއި، ކުރިއަށް އޮތްތާނގައި ކުރެވިދާނެ ކަންކަމާގުޅޭގޮތުން ޞިއްހީދާއިރާ ތަމްޞީލްކުރައްވާ އެންމެ އިސްވެރިންގެ ޚާއްޞަ މަޝްވަރާއެއް ކުރިއަށްދާނެއެވެ. އަދި ކޮންމެހެން ފޯރުކޮށްދެންޖެހޭ ޞިއްޙީ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްގެންދިއުމަށް ޤައުމުތަކާއި ސަރަޙައްދީ ފެންވަރުގައި ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވިގެންދާނެއެވެ.

މި ބައްދަލުވުމުގައި ކޯވިޑް-19 އާއިދެކޮޅަށް މެމްބަރު ޤައުމުތަކުން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއާއިއެކު ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ޚާއްޞަ ޤަރާރެއް ފާސްކުރެވިގެންދާނެއެވެ. މީގެ އިތުރުންވެސް، ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ އެންމެ ސަމާލުކަންދޭ ޞިއްޙީ މައްސަލަތަކާއިގުޅޭ ގޮތުން މިބައްދަލުވުމުގައި މަޝްވަރާކޮށް، އެމައްސަލަތަކަށް ޤައުމުތަކާއި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގުޅިގެން ކުރާނެ މަސައްކަތްތަކެއް ނިންމިގެންދާނެއެވެ.