ރާއްޖެއާއި ސްރީލަންކާއާއި ދެމެދު ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.
މިމަޝްވަރާ ކުރިއަށްގޮސްފައިވަނީ ރާއްޖެއިން ސްރީލަންކާއަށް ކަޑައަޅާފައި ހުންނަަވާ ސަަފީރު އޮމަރު ރައްޒާގް ސްރީލަންކާގެ ޓުއަރިޒަމް މިނިސްޓަރ ޕްރަސަންނާ ރަނަތުންގާއާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
ސަފީރު ރައްޒާގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިބައްދަލުވުމުގައި ކޯވިޑް-19އަށް ޤައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާ ރައްކާތެރިކަމާއެކު ފަތުރުވެރިކަން ފެށުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނުކަމަށެވެ. އަދި ކޯވިޑް-19ގެ ސަބަބުން ޤައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކޮށްފައިވާ އަސަރުން އަރައިގަނެ، އަލުން ދާއިރާ ނެެގެހެއްޓުމަށް ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރިކަމަށް އޭނާ ވިދާޅުވިއެެެވެ. އަދި ދެޤައުމުގެ މެދުގައި އޮންނަ ފަތުރުވެރިކަމުުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކޮށްފައެވެ.
މިބައްދަލުވުމާއި ބެހޭ ގޮތުން ސްރީލަންކާގެ ޓުއަރިޒަމް މިނިސްޓަރ ޕްރަސަންނާ ރަނަތުންގާ ކުރެއްވި ޓުއިޓެއްގައި ވިދާޅުވީ ރާއްޖެއާއި ސްރީލަންކާއާއި ގުޅިގެން އަލުން ފަތުރުވެރިކަމުގެ ދާއިރާ ކޮޅަށްޖެހުމަށް ދެޤައުމު ގުޅިގެން ކުރުމަށް މަޝްވަރާކުރި މަސައްކަތްތަކަކީ އުންމީދީ މަސައްކަތްތަކެއްކަށެވެ. އަދި މިބައްދަލުވުމުގައި ބޯޑަރުތައް ހުޅުވުމާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އުސޫލުތައް އެކުލަވާލާ ތަންފީޒުކުރުމާބެހޭ މުހިއްމު މަޝްވަރާތަކެއް ކުރެވުނުކަމަށް އޭނާ ވިދާޅުވިއެވެ.
ލަންކާގެ ޓުއަރިޒަމް މިނިސްޓަރގެ އިތުރުން، ސްރީލަންކާގެ ސްޓޭޓް މިނިސްޓަރ އޮފް ފިނޭންސް، ކެޕިޓަލް މާކެޓް އެންޑް ސްޓޭޓް އެންޓަރޕްރައިޒް ރިފޯމް އަޖިތް ނަވަރްދް ކަބްރާލާއާއެކުވެސް ސަފީރު ރައްޒާގު ވަނީ މަޝްވަރާތަކެއް ބާއްވާފައެވެ. މިބައްދަލުކުުރުމުގައި ސްރީލަންކާއިން ކޯވިޑް-19އާ ގުޅިގެން އެޤައުމުގެ އިޤްތިސާދަށް ކޮށްފައިވާ އަސަރުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކާބެހޭ މައުލޫމާތު ސަފީރު އޮޅުންފިލުއްވެވިއެވެ.