ޚަބަރު

މުދާ އުފުލާ ދޯންޏެއް ދިޔަވާތީ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެނީ


ހުޅުމާލެއިން ފުރައިގެން ހދ ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާދޯންޏެއް ދިޔަވަމުންދާތީ އެ އެދޯނީގައި ތިބި މީހުންނާއި ދޯނި ސަލާމަތްކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އާސިއަމް ނަމަކަށް ކިޔާ އެދޯނި ދިޔަވަމުންދާތީ އެކަމުގެ ރިޕޯޓުކޮށްފައި ވަނީ ރޭ ފަތިހު 5:58 ހާއިރުގައި ކަމަށެވެ.

އެދޯނި ދިޔަވާން ފެށިއިރު އޮތީ، ކ ޒިޔާރަތްފުށީގެ ކައިރީގައި ކަމަށާއި، ދޯނީގައި 4 މީހުން ތިބި ކަމުގައި އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

ދިޔަވަމުން ދިޔަ އެދޯނި ކައިރިއަށް އެމްއެންޑީއެފްގެ އުޅަނދުފަހަރު މިހާރު ވަނީ ގޮސްފައެވެ.

މިހަފްތާގައި ރާއްޖެއަށް ކުރަމުންދިޔަ ވިއްސާރައިގެ ސަބަބުންވެސް ކަނޑުމަތީގެ ހާދިސާތައް ހިނގުން އިތުރުވިއެވެ. މޫސުމް ގޯސްވުމާއި އެކު ދަތުރުވެރިން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށާއި، އުޅަނދުފަހަރުގެ ސަލާމަތީ އާލާތްތައް ފުރިހަމަ ކުރުމަށް އެމްއެންޑީއެފުން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުންނެވެ.