ޚަބަރު

ކޯވިޑާއިއެކު ޑިޖިޓަލް އިކޮނޮމީއެއްގެ މުހިއްމުކަން ވަނީ އިހްސާސްވެފައި: މިނިސްޓަރ މަލީހު


ކޯވިޑް-19ގެ ބަލިމަޑުކަން ވަނީ ޑިޖިޓަލް އިކޮނޮމީއެއްގެ މުހިއްމުކަން މިއަަދު އިހުސާސްކޮށްދީފައިކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީ މުޙައްމަދު މަލީޙު ޖަމާލު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ، ވޯލްޑް ސަމިޓް އޮން ދަ އިންފޮރމޭޝަން ސޮސައިޓީ (ޑަބްލިއު.އެސް.އައި.އެސް)ގެ 2020ވަނަ އަހަރުގެ މިނިސްޓީރިއަލް ރައުންޑް ޓޭބަލްގައި ވާހަކަދައްކަވަމުންނެވެ. އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޤައުމުގެ ރައްޔިތުންނަށް ޚިދުމަތްކުރުމުގަޔާއި ސަރުކާރުގެ ޙިދުމަތްތައް ހަރުދަނާކުރުމަށް ޑިޖިޓަލް ޓްރާންސްފޮމޭޝަން ވަރަށް މުހިއްމު ކަމަށެވެ. މިއަދު ޑިޖިޓަލް އިކޮނޮމީއެއްގެ ދެމެހެއްޓެނިވި ތަރައްޤީ އާއި ކުރިއެރުމަށް ޑިޖިޓަލް ސަރުކާރެއްގެ ރޯލު ވަރަށް މުހިއްމުކަމަށްވެސް މިނިސްޓަރ މަލީހު ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ރާއްޖެއަކީ ގިނަ ގޮންޖެހުންތަކާއި ދިމާވެފައި އޮތް ޤައުމެއް ކަމުގައި ވީ ނަމަވެސް ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު އައި.ސީ.ޓީ ޑިވޮލޮޕްމަންޓް އިންޑެކްސް އިން އެންމެ ކުރީގައި ރާއްޖެ ހިމެނޭކަން ފާހަގަކުރައްވާފައެވެ.

21ވަނަ ޤަރުނުގެ ރައްޔިތުންގެ އުއްމީދުތައް ފުރިހަމަކުރުމަށްޓަކައި ޑިޖިޓަލް ޓްރާންސްފޮމޭޝަން އަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ މަގު ހޯދަން ޖެހިފައިވާކަމަށް މިނިސްޓަރ މަލީހު ވިދާޅުވިއެވެ. މިގޮތުން ކޮލިޓީ ނެޓްވޯކު ކަވަރޭޖް އާއި، އައި.ސީ.ޓީ ލީގަލް ފްރޭމްވޯކް އާއި، ސަބްމެރިން ކޭބަލްތަކުގެ ޑައިވަރސިޓީ އިތުރުކުރަންޖެހިފައިވާކާމަށް މިނިސްޓަރ މަލީހް ވިދާޅުވިއެވެ.

"2010ވަނަ އަހަރާއި ހަމަޔަށް އާދެވުނުއިރު ކުޑަ ރަށްތަކުގައި ކުރިމަތިވެފައި އޮތް ކަނެކްޓިވިޓީ މައްސަލަ ހައްލުކުރެވި އިންޓަރނޭޝަނަލް ގޭޓްވޭ ސެޓެލައިޓްއިން ސަބްމެރިން ކޭބަލް އަށް ބަދަލުކުރެވުނު، ބޭރުގެ 2 ސަބްމެރިން ކޭބަލް އެއް އެޅި އަމިއްލަ ސަބްމެރިން ކޭބަލް އެއްވެސް އެޅިގެންދިޔަ. އަދި 3ޖީ އިންޓަރނެޓް އާއި އޭ.ޑީ.އެސް.އެލް ބްރޯޑްބޭންޑްގެ ޙިދުމަތް ކާމިޔާބު ކަމާއިއެކު ފޯރުކޮށްދެވެންފެށިކަމާއި، 2010ވަނަ އަހަރުން ފެށިގެން ބްރޯޑްބޭންޑް ސަރވިސް އިތުރަށް ޙަރުދަނާ ކުރުމަށް މަސައްކަތް ކުރެވުނު."މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީ މުޙައްމަދު މަލީޙް ޖަމާލު ވިދާޅުވިއެވެ.

ޑަބްލިއު.އެސް.އައި.އެސްގެ މި ބައްދަލުވުމުގައި އައި.ސީ.ޓީ ވެއްޓެއް ޤާއިމުކުރުމަށް ކުރެވިފައިވާ މަސައްކަތްތަކާއި، ދިމާވެފައިވާ ގޮންޖެހުންތަކާއި، ދުނިޔޭގެ އެކި ޤައުމުތަކުގެ ބްރޯޑްބޭންޑް ޑިވައިޑް ކުޑަކޮށް، ހަރުދަނާކުރުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތަކަށް ވަނީ އަލިއަޅުވާލާފައެވެ. އަދި އައި.ސީ.ޓީ ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ކޮންމެ ޤައުމެއްގެވެސް ސަރުކާރުން ހަރުދަނާ އައި.ސީ.ޓީ ސްޓްރެޓެޖީއެއް ޤާއިމުކުރުމުގެ މުހިއްމު ކަމުގެ މައްޗަށްވެސް ވަނީ މަޝްވަރާކޮށްފައެވެ.

ޑަބްލިއު.އެސް.އައި.އެސްގެ 2020ވަނަ އަހަރުގެ މިނިސްޓީރިއަލް ރައުންޑް ޓޭބަލްގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ސައިންސް، ޓެކްނޮލޮޖީ އަދި ކޮމިއުނިކޭޝަން ދާއިރާގެ މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ޗެއަރމަން/މޮޑަރޭޓަރުގެ ހައިސިއްޔަތުން އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައި.ޓީ.ޔޫ)ގެ ސެކްރެޓަރީ ޖެނެރަލް ހޫލިން ޒައު ބައިވެރިވެވަޑައިގެންނެވިއެވެ.