ޚަބަރު

އެއް އަހަރުތެރޭ މެމްބަރު ސިޔާމަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 20 މިލިޔަން


ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ މެމްބަރުންގެ މާލީ ބަޔާންތަކުން އެންމެ މުސާރަ ބޮޑު މެމްބަރެއްގެ ގޮތުގައި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ޝިޔާމް (ސަންޓްރެވަލް ޝިޔާމް) ވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތައް މަޖިލިސް އިދާރާގެ ވެބްސައިޓުގައި މިހާރު ވަނީ އާންމު ކޮށްފައެވެ. އެއީ މެއި 27، 2019 އިން މިއަހަރުގެ މެއި މަހު 28 އަށެވެ. އެ މުއްދަތުގައި މުސާރަ އާއި އިނާޔަތުގައި ގޮތުގައި އެންމެ ގިނަ ފައިސާ ލިބިވަޑައިގެންފައި ވަނީ ސިޔާމް އަށެވެ. ސިޔާމްއަށް މުސާރައިގެ ގޮތުގައި 20،190،417.49 ރުފިޔާ ލިބިވަޑައިގަންވާއިރު، ހިއްސާތަކުން 887،520.00 ލިބި ވަޑައިގަންނަވައެވެ. މިއާއިއެކު ސިޔާމަށް 21،077،937 މިލިއަން ރުފިޔާ ލިބި ވަޑައިގެންފައިވެއެވެ.

ސިޔާމްއަށްފަހު ދެން އެންމެ ބޮޑު މުސާރައެއް ލިބިވަޑައިގެންފައި ވަނީ ކޮމަންޑޫ ދާއިރާގެ މެމްބަރު ޙުސައިން ވަޙީދަށެވެ. އޭނާއަށް އެއްއަހަރު ދުވަހުގެ ތެރޭގައި މުސާރައާއި އިނާޔަތުގެ ގޮތުގައި 14 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ. މުސާރައިގެ ގޮތުގައި 825،876.49 ރުފިޔާ ލިބިވަޑައިގެންފައިވާއިރު ވިޔަފާރި ނަފާއިން 3،423،004.00 ރުފިޔާ އަދި ކުލީގެ ގޮތުގައި، 3،792،000.0 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން ކުންފުންޏާއި ޕާޓްނަޝިޕް ފައިދާގެ ގޮތުގައި، 3،000،000.0 ރުފިޔާގެ މާލީ މަންފާ ލިބިވަޑައިގެންނެވި އިރު، އެހެނިހެން ކަންކަމުން 3،080،145.00 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މިއާއިއެކު ޖުމްލަ 14،121،024 ރުފިޔާ މެމްބަރު ހުސެއިން ވަހީދަށް މާލީ ބަޔާނުގެ މުއްދަތުގެ ތެރޭގައި ލިބިވަޑައިގެންފައި ވެއެެވެ.

މުސާރަބޮޑު މެމްބަރުންގެ ގޮތުގައި މާލީބަޔާންތަކުން ދައްކާ އަނެއް މެމްބަރަކީ މަޝްހޫރު ވިޔަފާރި ވެރިޔާ އަދި ކޯލިޝަން ލީޑަރު ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމްއެވެ. ޤާސިމަށް މުސާރަޔާއި އިނާޔަތުގެ ގޮތުގައި 11 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މުސާރައާއި އިނާޔަތުގެ ގޮތުގައި، 9،564،438.48 ރުފިޔާ، ކުލީގެ ގޮތުގައި 1،740،000.0، އަދި ހިއްސާތަކުން 188،200.0 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މިއާއިއެެކު ޖުމްލަ 11،492،638 ރުފިޔާ ޤާސިމްއަށް ލިބިވަޑައިގެންފައިވެއެވެ.

މާލީ ބަޔާންތަކުން 4 މިލިޔަނަށްވުރެ މަތިން މުސާރައާއި އިނާޔަތްތައް ލިބިވަޑައިގެންފައިވާ 3 މެމްބަރަކު ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް އާއި، ގުރައިދޫ ދާއިރާ މެމްބަރު އިބްރާހީމް ރިޟާގެ އިތުރުން ހަނިމާދޫ ދާއިރާ މެމްބަރު ޢަބްދުލްޣަފޫރު މޫސާއެވެ. މެމްބަރު ޝަހީމްއަށް މުސާރައާއި އިނާޔަތުގެ ގޮތުގައި، 1،560،000 ރުފިޔާ، ކުންފުނީގެ ފައިދާތަކުން 2،194،334.86 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. އަދި އެޕާޓްމަންޓްތަކުގެ ކުލީގެ ގޮތުގައި 508،032.00 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މިއާއިއެކު ޖުމްލަ ޖުމްލަ 4،262،363 މިލިޔަން ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މެމްބަރު ރިޟާ އަށް މުސާރައާއި އިނާޔަތުގެ ގޮތުގައި، 1،124،204.64 ރުފިޔާ، އަދި ކުލީގެ ގޮތުގައި 3،210،000.0 އާއިއެކު ޖުމްލަ 4،334،204 ރުފިޔާ ލިބިވަޑައިގަންނަވައެވެ. ޢަބްދުލްޣަފޫރަށް މުސާރައާއި އިނާޔަތުގެ ގޮތުގައި، 1،898،000.0 ރުފިޔާ، ކުލީގެ ގޮތުގައި 480،000.0، އަދި ކުންފުނިތަކުން 1،800،000،00 އާއިއެކު ޖުމްލަ 4،178،000 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ.

މާލީ ބަންޔާތަކުން 3 މިލިޔަނާއި 2 މިލިޔަނާއި ދޭތެރޭގައި މުސާރަ ލިބޭ 3 މެމްބަރަކު ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގއި ހިމެނެނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމްގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދެވެ. މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު ރައީސް މުޙައްމަދު ނަޝީދަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 3،185،036.39 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. ސަލީމަށް މުސާރައާއި އިނާޔަތުގެ ގޮތުގައި، 1،811،128.40 ރުފިޔާ، ރެޑްވޭއިން 1،000،000.0 ރުފިޔާ، އަދި އުރީދޫ އިން ދޭ ކުލީގެ ފައިސާއިން 180،000.0 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މިއާއިއެކު ޖުމްލަ 2،991،128 ރުފިޔާ ސަލީމަށް ލިބިވަޑައިގެންފައިވެއެވެ. މެމްބަރު އަހުމަދު ރަޝީދަށް މުސާރައާއި އިނާޔަތުގެ ގޮތުގައި، 917،150.03 ރުފިޔާ، ވިޔަފާރިތަކުން 1،168،639.62 ރުފިޔާ އަދި ކުލީގެ ގޮތުގައި 660،000، ބޭންކް އިންޓަރެސްޓަށް 1298 ޖުމްލަ 2،747،087 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ.

މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބޮޑު ދަރަންޏެއް ދައްކަން ޖެހިފައި ވަނީ ދެ މެމްބަރެކެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ކެލާ ދާއިރާ މެމްބަރު އިބްރާހީމް ޝަރީފާއި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދެވެ. ޝަރީފަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި، 1،832،132.05 ރުފިޔާ ލިބިވަޑައިގެންފައިވާއިރު ކުލީގެ ގޮތުގައި 1،015،000.00 ރުފިޔާ ލިބިފައިވެއެވެ. އޭނާ މީގެ އަހަރުތަކެއް ކުރިން އިސްލާމިކް ބޭންކުން ނަންގަވާފައިވާ 5،000،000.00 ރުފިޔާގެ ލޯނުގެ ނުދައްކައި ބާކީ، 2،461،260.33 ރުފިޔާ އެބައޮތެވެ. މެމްބަރު އަލީ ހަމީދަށް މުސާރައާއި އިނާޔަތުގެ ގޮތުގައި، 860،480.03 ރުފިޔާ، ކުލީގެ ގޮތުގައި 105،000.00، އަދި މާލީ މަންފާގެ ގޮތުގައި 780،709.0 ލިބިވަޑައިގެންފައިވެއެވެ. އޭނާވަނީ 6،500.000.0 ގެ ފްލެޓެއް ބައްލަވައިގެންފައެވެ. އަދި މިހާރު އެ ފްލެޓަށް ދައްކަންޖެހޭ ލޯނުގެ ބާކީ 1،5000،000.0 ރ ނުދެއްކި ވެއެވެ.

މެމްބަރުގެ މާލީ ބަޔާންތަކަށް ބަލާއިރު މެޖޯރިޓީ މެމްބަރުންނަށް މުސާރަޔާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގެންފައިވަނީ 9 ލައްކަ ރުފިޔާގެ މުސާރައެވެ. މެމްބަރުންގެތެރެއިން މާލީ ބަޔާން ހުށަނާޅުއްވާ ދެ މެމްބަރުންނަކީ ޑީއާރުޕީގެ ލީޑަރު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި، މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަޞީރެވެ.

މަޒް

ހުސް އޮަޅުވަލާފަ ހުރި މާލީ ބަޔާން