ޚަބަރު

ކްރިމިނަލް ކޯޓު ހިންގުން ގާޒީ އާދަމް މުޙައްމަދާ ޙަވާލުކޮށްފި


ކްރިމިނަލް ކޯޓު ހިންގުން އެކޯޓުގެ ޤާޒީ އާދަމް މުޙައްމަދާ މިއަދު ހަވާލުކޮށްފިއެވެ.

ޖޭއެސްސީން ވިދާޅުވީ ކްރިމިނަލް ކޯޓު ހިންގުމާ ޙަވާލުވެ ހުންނެވި ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު 54ވަނަ މާއްދާގެ (ޅ)ގެ ދަށުން ކްރިމިނަލް ކޯޓު ހިންގުން އެކޯޓުގެ ޤާޟީ އަލްއުސްތާޛު އާދަމް މުޙައްމަދާ ޙަވާލުކުރުމަށް މިއަދު ބޭއްވި އެކޮމިޝަނުގެ 64ވަނަ ބައްދަލުވުމުން ނިންމާފައިވާކަމަށެވެ.

ގާޒީ އާދަމް މުހައްމަދަކީ މިދިޔަ ޖެނުއަރީ މަހު ކްރިމިނަލް ކޯޓަށް އައްޔަންކުރި ގާޒީ އެކެވެ. އޭގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި ދިފާއީ ވަކީލެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރެއްވި އެވެ.

ޖޭއެސްސީން ވިދާޅުވީ ކްރިމިނަލް ކޯޓު ހިންގުމާ ޙަވާލުވެ ހުންނެވި ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރައްވާފައި މަޤާމަށް އައްޔަން ކުރައްވާފައިވަނީ މިއަދުއެވެ.