މިޞްރުގެ ކުރީގެ ރައީސް މުޙައްމަދު މުރުސީގެ އެންމެ ހަގު ދަރިކަލުން އަބްދުﷲ މުރުސީ އަވަހާރަވެފައިވަނީ ހިތް ހުއްޓިގެން ނޫންކަމަށާއި ނުރައްކާތެރި އިންޖެކްޝަނެއް ދިނުމުގެ ސަބަބުންކަމަށް އެ ޢާއިލާ ތަމްޞީލުކުރާ ވަކީލުން ބުނެފިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4ވަނަ ދުވަހު އުމުރުން 25 އަހަރުގެ އަބްދުﷲ މުރުސީވަނީ މިޞްރުގެ ގީޒާގައި ހުރި ހަސްފަތާލެއްގައި އަވަހާރަވެފައެވެ. އޭރު ކަމާބެހޭ ފަރާތްތަކުން ބުނީ އޭނާ އަވަހާރަވީ ހިތް ހުއްޓިގެންކަމަށެވެ. މިޞްރުގެ ސަރުކާރުން ނެރުނު ރިޕޯޓެއްގައި ބުނީ އޭނާގެ ކާރުކޮޅު ދުއްވަވަމުން ދަނިކޮށް ހަށިގަނޑަށް ގޮތެއްވުމުގެ ސަބަބުން އޭނާ ހަސްފަތާލަށް ގެންދިޔަކަމަށެވެ. ނަމަވެސް އޭނާގެ ފުރާނަ ސަލާމަތްކުރުމުގައި ޑޮކްޓަރުން ނާކާމިޔާބުވެފައިވާކަން އެ ރިޕޯޓުގައި ބުންޏެވެ.
މީގެ ކުރިންވެސް ޞިއްޙީ ބައެއް މައްސަލަތައް ދިމާވެވަޑައިގެންފައިވާ އަބްދުﷲ މުރުސީގެ މަރުގައި އެއްވެސް ޝައްކު އުފެދޭކަމެއް ފާހަގަވެފައިނުވާކަމަށް އެ ޤައުމުގެ ނޫސްތަކުން އޭރުވަނީ ޚަބަރުދީފައެވެ. ބައެއް ޚަބަރުތަކުގައި ބައްޕާފުޅު މުޙައްމަދު މުރުސީ އަވަހާރަވުމާ ގުޅިގެން އަބްދުﷲއަށް ފުން ހިތާމައެއް ލިބިފައިވާކަމަށްވެސްވަނީ ފާހަގަކޮށްފައެވެ.
ދިމިގުރާތީ ހަމަތަކުގެ މަތިން ހޮވުނު މިޞްރުގެ ފުރަތަމަ ރައީސް، މުޙައްމަދު މުރުސީވަނީ އެ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޖަލުގައި ހުންނަވަނިކޮށް އަވަހާރަވެފައެވެ. އޭނާ އަވަހާރައިރު އޭނާގެ މައްޗަށް ޝަރީޢަތް ނުހިނގާ ބަންދުކޮށްފައި ހުރިތާ ގިނަ އަހަރުތަކެއް ފާއިތުވެފައިވަނިކޮށެވެ.
މުރުސީގެ ޤާނޫނީ ވަފުދުކަމަށްވާ ގުއާނިކާ 37 އިންޓަނޭޝަނަލް ޖަސްޓިސް ޗެމްބާސްއިން ބުނީ އަބްދުﷲ މުރުޞީ އަވަރާހަކޮށްލާފައިވާކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައިވާކަމަށެވެ. އެ އިދާރާއަށް ލިބުނު މަޢުލޫމާތުގައި ވާގޮތުން އަބްދުﷲ މުރުސީގެ ހަށިކޮޅަށް ނުރައްކާތެރި މާއްދާއެއް ހުރި އިންޖެކުޝަނެއް ޖަހާފައިވާކަމަށާއި އެއަށްފަހު އޭނާ އަވަހާރަވުމަށްފަހު ކާރުކޮޅު އޮތް ހިސާބާ 20 ކިލޯމީޓަރު ދުރުގައި ހުރި ހަސްފަތާލަކަށް އޭނާ ގެންގޮސްފައިވާކަމަށެވެ. ކާރުކޮޅު އޮތް ސަރަޙައްދާ ކައިރި ހިސާބުތަކުގައި ހުރި ހަސްފަތާލަކަށް ނުގެންގޮސް މާ ދުރުގައި ހުރި ހަސްފަތާލަކަށް އޭނާ އަވަހާރަވި ފަހުން ހަށިކޮޅު ގެންގޮސްފައިވަނީ ގަސްދުގައިކަމަށް ވަކީލުން ބުންޏެވެ. މިހާރު ހާމަވެފައިވާ އެ މަޢުލޫމާތަކީ ދަޢުލަތުގެ ބައެއް ގޮފިތަކަށް އެނގޭނެކަމެއްކަން ސާފުވާކަމަށްވެސް ވަކީލުންވަނީ ބުނެފައެވެ.
ޤާނޫނީ ވަފުދުގައި އިސްކޮށް ހުންނަވާ ޓޯބީ ކެޑްމަން ވިދާޅުވީ އަބްދުﷲ މުރުސީގެ މަރުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރިކަމަށެވެ. އޭނާގެ ބައްޕަ އަވަހާރަކޮށްލިކަމަށް ސަރުކާރުގެ ބައެއް އިސްވެރިންނަށް އޭނާވަނީ ފައުޅުގައި ތުހުމަތުކުރައްވާފައެވެ. އޭގެ ފަހުން އޭނާ ދިރިއުޅުއްވަމުންދިޔައީ ފުރާނައަށް ނުރައްކާވެދާނެކަމަށް ބައްލަވައިގެންކަމަށް ކެޑްމަން ވިދާޅުވިއެވެ. އަބްދުﷲ މުރުސީ އަވަހާރަކޮށްލާއިފައިވަނީ އޭނާގެ ގެކޮޅުގެ ބޭރުގައިކަމަށާއި އެ ހާދިޘާއަށް މިނިވަން ތަހުޤީޤެއް ކުރުމަށް ޤާނޫނީ ވަކީލުންގެ ވަފުދުންވަނީ ގޮވާލައްވައިފައެވެ.
ޓްވިޓާ މެދުވެރިކޮށް ބައްޕަ އަވަހާރަކޮށްލުމުގައި އަތެއް ވާކަމަށް އަބްދުﷲ ތުހުމަތުކުރެއްވި ބައެއް ބޭފުޅުންގެ ތެރޭގައި މިޞްރުގެ މިހާރުގެ ދާޚިލީ ވަޒީރު މަޙްމޫދު ތަޢުފީޤާއި މުރުޞީގެ ޝަރީޢަތް ބެއްލެވި ޣާޒީ މުޙައްމަދު ޝެރީން ފަހުމީ ހިމެނެއެވެ.