ޚަބަރު

ގްރޭޓަރ މާލެ ޓްރާންސްޕޯޓް ލިންކްއަށް 2 އަހަރު ފުރުން ފާހަގަކުރުމަށް ބްލަޑް ކޭމްޕެއް


ގްރޭޓަރ މާލެ ޓްރާންސްޕޯޓް ލިންކް (ޖީއެމްޓީއެލް)އަށް 2 އަހަރު ފުރުން ފާހަގަކުރުމަށް ބްލަޑް ކޭމްޕެއް ފަށައިފިއެވެ. މި ކޭމްޕްގެ ޝިއާރަކީ "މަވެސް ދޭނަން، ހުރިހާ ރައްޔިތުން ލޭ ދިނުމުގައި ބައިވެރިވަމާ" މިޝިޢާރެވެ.

ބްލަޑް ކޭމްޕްގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން، ޖީއެމްޓީއެލްގެ މެނޭޖަރ އިބްރާހިމް މައުމޫން ވިދާޅުވީ، މި ހަރަކާތް ފެށީ މިއަދު ހެނދުނު 10 ޖެހިއިރު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތައް ފަހުގައިކަމަށެވެ. މިފަދަ ކޭމްޕެއް ފެށީ މި ޙާލަތަކީ ލޭ ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާ ދުވަސްވަރެއްކަމުން ބްލަޑް ބޭންކަށް ލޭ ހޯދައި ދިނުމުގައި އެހީވުމަށްކަމަށް އިބްރާހީމް މައުމޫން ވިދާޅުވިއެވެ. އަދި އުންމީދަކީ ޖީއެމްޓީއެލްގެ މިއިސްނެގުމުން އެހެން ކުންފުނިތަކާއި ފަރުދުންވެސް މިސާލު ލިބިގަނެ ދަރުމައަށް ލޭ ހަދިޔާކުރުން ޕްރޮމޯޓްކުރުންކަމަށް އޭނާ ވިދާޅުވިއެވެ. ގްރޭޓަރ މާލެ ބަސް ޓާމިނަލްގައި ފެށި މި ކޭމްޕް މިއަދު ހަވީރު 4 ޖަހަންދެއް ކުރިއަށްދާނެއެވެ. ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް ކަށަވަރުކޮށްގެން ކުރިއަށްގެންދާ މި ކޭމްޕްގައި އެއްފަހަރާ 3 މީހުންގެ ގައިން ލޭ ނެގޭނެ އިންތިޒާމު ބަސް ޓާމިނަލްގައިވަނީ ހަމަޖައްސާފައެވެ.

ތެލަސީމިއާ ކުދިންނަށް ހަފްތާއަކަށް ބޭނުންވާ ވަރަށް ލޭ މިވަގުތު އެބަހުރި ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސްއިން ވިދާޅުވެއްޖެއެވެ. މޯލްޑިވިއަން ބްލަޑް ސާވިސްއިން ވަނީ ދަރުމައަށް ލޭ ހަދިޔާކުރާ މީހުން މަދުކަން މީގެ ކުރިން ފާހަގަކޮށްފައެވެ. އެހެންނަމަވެސް، ކޯވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ލޭ ލިބުން ދަތިވުމާ ގުޅިގެން އާއްމުންގެ އެހީއަށް އެދުމާއެކު ވޭތުވެދިޔަ ތިންދުވަހު ގިނަ އަދަދެއްގެ މީހުން ލޭ ހަދިޔާކޮށްފައިވާކަމަށް މޯލްޑިވިއަން ބްލަޑް ސާވިސްއިން ވިދާޅުވިއެވެ.

ގްރޭޓަރ މާލެ ޓްރާންސްޕޯޓް ލިންކަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ދަށުން މާލެއާއި ހުޅުލެ އާއި ހުޅުމާލެއަށް ބަސް ދަތުރު ހިންގާ ފަރާތެވެ. މި ޚިދުމަތް ފަށާފައިވަނީ ސިނަމާލެ ބްރިޖް އެޅުމަށްފަހު ބަސްދަތުރުކުރުމުގެ ޚިދުމަތް ފެށުމައްޓަކައެވެ.