ޚަބަރު

ނަޝީދުގެ މައްސަލަ އިސްތިއުނާފުކުރީ އަދުލު އިންސާފު ކަށަވަރުކުރަން


ކުރީގެ ރައީސް
މުހައްމަދު ނަޝީދުގެ މައްސަލަ އިސްތިއުނާފު ކުރުމަކީ، ނަޝީދު ފާހަގަކުރައްވާ
މައްސަލަތަކާއި މެދު ޕްރޮސެކިއުޓަރ ޖެނަރަލް އެއްބަސްވާކަން ދޭހަކޮށްދޭކަމެއް
ނޫންކަމަށް ޕީޖީ އޮފީހުން ހާމަކުރައްވައިފިއެވެ.



ޕްރޮސެކިއުޓަރ
ޖެނަރަލްގެ އޮފީހުން މިކަން ހާމަކުރީ، ނަޝީދުގެ މައްސަލަ ހައިކޯޓުގައި
އިސްތިއުނާފުކުރުމާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކާއި ގުޅިގެން މިއަދު ނެރުނު ނޫސް
ބަޔާނެއްގައެވެ.



މި ބަޔާނުގައި،
ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން ޕީޖީން އެމައްސަލަ ހައިކޯޓުގައި
އިސްތިއުނާފުކުރި ތިން ސަބަބެއް ބަޔާންކޮށްފައިވެއެވެ.



އެގޮތުން
އިސްތިއުނާފް ކުރުމުގެ ހައްޤުން ނަޝީދު މަހްރޫމް ވެފައިވާކަމަށް ދައްކާ
ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ނޫންކަން ހާމަކޮށްދިނުމާއި، ކްރިމިނަލް
ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތާއި މެދު ނަޝީދުގެ ޝަކުވާއެއް އޮތް ނަމަ އެކަމަށް
ހައި ކޯޓުގެ އިސްތިއުނާފު މަރުހަލާއިން ހައްލެއް ހޯދުން ހިމެނެއެވެ.



އަދި ޤާނޫނުގެ
ވެރިކަން ދެމެހެއްޓުމަށް ރާއްޖެ ސާބިތުކަންމަތީ ދެމި އޮތްކަން ދައްކުވައި
ދިނުމަކީވެސް ނަޝީދުގެ މައްސަލަ ޕީޖީން އިސްތިއުނާފު ކުރި ސަބަބެއްކަމަށް
މިބަޔާނުގައިވެއެވެ.



މީގެ އިތުރުން އދ
އަށް ހުށަހެޅިފައިވާ މައްސަލާގަޔާއި އެކިއެކި ނޫސް ބަޔާންތަކުގައިވެސް މިމައްސަލަ ޕީޖީގެ ފަރާތުން
އިސްތިއުނާފްކުރުމަށް ނަޝީދުގެ ފަރާތުން އެދިވަޑައިގެންފައިވާކަން މިބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.



ޕީޖީ އޮފީހުން މިއަދު
ބަޔާނެއް ނެރުއްވާފައި މިވަނީ، ހައިކޯޓަށް ހުށަހަޅާފައިވާ ނަޝީދުގެ މައްސަލަ ބަލައިގަތުމާއި
މެދު މިއަދު ހައިކޯޓުގައި އިބްތިދާއީ އަޑު އެހުމެއް ބާއްވާފައިވަނިކޮށް.



ނަޝީދުވެސް
ހާޒިރުކޮށްގެން ބޭއްވި މިއަޑު އެހުން ފަނޑިޔާރު ނިންމަވާލެއްވީ، މިމައްސަލަ
ބަލައިގަތުމާއި މެދު ގޮތެއް ނިންމެވުމަށްފަހު ފަހުން އަނގަވާނެކަމަށް
ވިދާޅުވަމުނެެވެ.