ޚަބަރު

ޤާނޫނާއި އެއްގޮތަށް ޑީއާރުޕީން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކުރާ މައްސަލައިގައި މަޝްވަރާކޮށްފި


ޑީއާރުޕީން ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރުމުގައި ހުރި މައްސަލަތައް ދެނެގަތުމަށް އެޕާޓީގެ ލީޑަރޝިޕާއި އިލެކްޝަން ކޮމިޝަނުން ބައްދަލުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މިއަދުގެ މިބައްދަލުވުމާއި ގުޅިގެން އެކޮމިޝަނުން ބުނީ މިބައްދަލުވުމަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަ ކުރުމުގައި ޑީ.އާރު.ޕީއަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ޑީއާރުޕީގެ ލީޑަރޝިޕްގައި ހިމެނޭ ބޭފުޅުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްކަމަށެވެ. މިބައްދަލުވުމާއި ގުޅޭގޮތުން ޑީއާރުޕީން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައި ނުވެއެވެ.

ސިޔާސީ ޕާޓީތަކުން ކޮންމެ އަހަރަކު ހުށަހަޅަންޖެހޭ ރިޕޯޓްތަކުގެ ތެރެއިން ތިން އަހަރެއްގެ ރިޕޯޓް ހުށަނޭޅުމުން ކޮށްފައިވާ ޖޫރިމަނާ ފައިސާ ނުދެއްކި މައްސަލައިގައި ޑީއާރުޕީއާއި ދެކޮޅަށް ދައުވާކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އަޙްމަދު އަކްރަމް ވިދާޅުވީ ޑީއާރުޕީއާއި ދެކޮޅަށް ދައުވާ ކުރުމަށް ކޯޓަށް ފޮނުވާފައިވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން ކޮންމެ އަހަރަކު ހުށަހަޅަންޖެހޭ ރިޕޯޓްތަކުގެ ތެރެއިން ތިން އަހަރެއްގެ އަހަރީ ރިޕޯޓާއި، އޮޑިޓްރިޕޯޓް އިލެކްޝަންސް ކޮމިޝަނަށް ހުށަނޭޅުމުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ހޯދުމަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުންވަނީ، ރިޕޯޓްތައް ހުށަހެޅުމަށް ތަކުރާރުކޮށް ޑީއާރުޕީއަށް އަންގާފައެވެ. އަދި ޤާނޫނުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅު އަޅައި ޖޫރިމަނާކޮށް އެފައިސާ ދެއްކުމަށްވެސް ޑީއާރްޕީއަށް އަންގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއްވައެވެ. އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ޤާނޫނުގެ ތެރެއިން ކަންކަން ކުރުމަށް އަންގާފައިވާކަމަށެވެ. ޚާއްސަކޮށް ކޮންމެ ޕާޓީއަކުންވެސް އެޕާޓީއަކުން ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓާއި، އޮޑިޓް ރިޕޯޓް އޮންނަ މުއްދަތުގެ ތެރޭގައި ހުށަހެޅުމަކީ ޕާޓީތަކުން ކުރަންޖެހޭ ކަމެއްކަމަށް އަކްރަމް ވިދާޅުވިއެވެ.

ޑީއާރުޕީން ޤާނޫނުގައިވާ ގޮތަށް ފައިސާ ނުދައްކާފައިވާ މުއްދަތުގައި އެޕާޓީގެ ހިންގުމާއި ހަވާލުވެ ހުންނެވީ މުހައްމަދު ނަޝީދު (ކާނަލް ނަޝީދު)އެވެ. ޑީއާރުޕީ އަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީ އެކެވެ. މިހާރު އެ ޕާޓީގެ ލީޑަރަކަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުއެވެ.