ދުނިޔޭގެ ވިޔަފާރި

ޕެޓްރޯނާސްއަށް 5.1 ބިލިއަން ޑޮލަރުގެ ގެއްލުމެއް


މެލޭޝިޔާގެ ޤައުމީ ތެޔޮ ކުންފުނި ޕެޓްރޯނާސްއަށް މިދިޔަ ކުއާޓަރުގައި 5.1 ބިލިއަން ޑޮލަރުގެ ގެއްލުމެއް ކުރިމަތިވެއްޖެއެވެ.

ތެލާއި ގޭހުގެ ވިޔަފާރިކުރާ ޕެޓްރޮނާސްއިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް 14.7 ބިލިއަން ރިންގިޓްގެ ފައިދާއެއްވެފައިވާއިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް ވަނީ 21 ބިލިއަން ރިންގިޓްގެ ގެއްލުމާ ކުރިމަތިލާންޖެހިފައެވެ.

ޕެޓްރޮނާސްއަށް ލިބުނު އާމްދަނީއަށް ބަލާލާއިރު، މިދިޔަ އަހަރުެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު އާމްދަނީ ވަނީ 42 އިންސައްތަ ދަށަށް ގޮސްފައެވެ.

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ އާމްދަނީއަށް ބަލާލާއިރު 16.5 ބިލިއަން ރިންގިޓްގެ ގެއްލުމެއް ޕެޓްރޯނާސްއަށް ވަނީ ކުރިމަތިވެފައެވެ. އަދި އާމްދަނީ 93.6 ބިލިއަން ރިންގިޓްގައި އުޅޭއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 23 އިންސައްތަ ދަށް އަދަދެކެވެ.

ޕެޓްރޮނާސްއިން ލަފާކުރާ ގޮތުގައި ތެލަށް އޮތް ޑިމާންޑް ދަށްވުމުން މިއަހަރުގެ ކުރިއަށްއޮތްތަނުގައިވެސް އެކުންފުނީގެ ފައިދާއާއި އާމްދަނީ ދާނީ ދަށަށެވެ.