ދުނިޔޭގެ ވިޔަފާރި

އެމިރޭޓްސްގެ މުވައްޒަފުންގެ ކުޑަކުރި މުސާރަ އިއާދަކޮށްފި


އަންނަމަހުން ފެށިގެން އެމިރޭޓްސްގެ މުވައްޒަފުންގެ މުސާރަ ކޯވިޑްގެ ކުރިން ހުރި މިންވަރަށް އިއާދަކުރުމަށް ނިންމައިފިއެވެ.

އެމިރޭޓްސްގެ މުވައްޒަފުންގެ ފުރިހަމަ މުސާރަ އިއާދަކުރުމަށް ނިންމާފައިވާއިރު، އެއަރލައިންގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށްފައިވަނީ މިދިޔަ މާޗުމަހުއެވެ.

އެމިރޭޓްސްގެ ފަރާތުން ވާހަކަދެއްކި ތަރުޖަމާނަކު ވިދާޅުވީ އޮކްޓޫބަރުމަހުން ފެށިގެން އެ އެއަރލައިންގެ މުވައްޒަފުންނަށް ކުރިން ލިބެމުންދިޔަ މުސާރަ ދެމުންގެންދާނެކަމަށެވެ. ނަމަވެސް އަދިވެސް އެއަރލައިންގެ ބައެއް މުވައްޒަފުންނަށް ދޭ އެލަވަންސްތައް ކުޑަވާނޭކަމަށް ޚަބަރުތައް ބުނެއެވެ.
އެމިރޭޓްސްއިން މުވައްޒަފުންގެ މުސާރަ އިއާދަކުރުމަށް ނިންމާފައިވާއިރު، ކޯވިޑްގެ ސަބަބުން މެދުކަނޑާލާފައި އޮތް ދަތުރުތައް އަލުން ފަށާ، އިތުރު މަންޒިލްތަކަށް އެއަރލައިނުން ދަނީ ދަތުރުތައް ބާއްވަމުންނެވެ.

ތަޖުރިބާކާރުން ބުނާގޮތުން އެމިރޭޓްސްގެ ވިޔަފާރި އަންނަނީ މަޑުމަޑުން ހަމައަކަށް އެޅެމުންނެވެ. އަނެއްކޮޅުން އެމިރޭޓްސް ނިސްބަތްވާ ދުބާއީގެ ސަރުކާރުން ވަނީ 2 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމެއް އެއަރލައިންއަށް ފޯރުކޮށްދީފައެވެ.

ކޯވިޑްގެ ސަބަބުން އެއަރލައިން އިންޑަސްޓްރީއަށް ބޮޑު އަސަރެއްކޮށްފައިވާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު އެއަރލައިންގެ ފައިދާ ވަނީ 28 އިންސައްތަ ދަށަށް ގޮސްފައެވެ.