ޚަބަރު

ސަލާމަތީގޮތުން ވަރުގަދަ އާ ޕާސްޕޯޓެއް އަންނަ އަހަރު ނެރެނީ


މުޅިން އާ ސެކިއުރިޓީ ފީޗަރސް ތަކާއެކު އަންނަ އަހަރުން ފެށިގެން ޔޫރިޕިއަން ސްޓޭންޑަރޑްގައި އާ ޕާސްޕޯރޓެއް ނެރުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ. އަލަށް ނެރޭ ޕާސްޕޯޓްގެ ކަވަރު އަދި ޑޭޓާ ޕޭޖްތައް ތައްޔާރު ކުރެވޭ މެޓީރިއަލަކީ ޕޮލި ކާބަނޭޓް ކަމަށާއި، މިއީ މިވަގުތު ދުނިޔޭގެ ކުރިއަރާފައިވާ ގައުމު ތަކުގައި ބޭނުންކުރާ ބާވަތުގެ ޕާސްޕޯޓަކަށް ވެގެންދާނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. ތަފާތު ފީޗަރސްތަކާއެކު އާ ޕާސްޕޯޓެއް ތައްޔާރު ކުރެވުނު ކަމުގައިވިއަސް މިހާރުވެސް ޕާސްޕޯޓް ހައްދައިދޭ އަގަށް ބަދަލު ނުގެންނަވާނެކަމަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު އަންވަރު ވިދާޅުވިއެވެ. " އާ ފީޗާސް ތަކާއެކު އާ ޕާސްޕޯޓް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން. ނަމަވެސް މިހާރު ހައްދައިދީފައިވާ ޕާސްޕޯޓްގެ މުއްދަތު ހަމަވަންދެން އެ ޕާސްޕޯޓްތައްވެސް ބޭނުންކުރެވޭނެ." އަންވަރު ވިދާޅުވިއެވެ. ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ޕާސްޕޯޓަކީވެސް ބައިނަލްގްވާމީ ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން އައިކާއޯގެ މިންގަނޑަށް ފެތޭ ޕާސްޕޯޓެއްކަން ފާހަގަކޮށްލެވެއެވެ.