ވިޔަފާރި

ބީއެމްއެލްއިން އިންޝުއަރަންސް ސްކީމެއް ތަޢާރަފްކޮށްފި


ބީއެމްއެލް އިންޝުއަރަންސްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްއިން އިންޝުއަރެންސް ސްކީމެއް ތަޢާރަފްކޮށްފިއެވެ. މި ހިދުމަތް ތައާރަފް ކޮށްފައި ވަނީ އެލައިޑް އިންޝުއަރެންސް ކުންފުންނާއި ގުޅިގެންނެވެ. މި ޚިދުމަތާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ބޭންކިންގެ ހިދުމަތް ތަކާއި އެކު އިންޝުއަރެންސް ހިދުމަތް ލިބުމަކީ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށެވެ. އަދި މި ހިދުމަތުގެ މައިގަނޑު ބޭނުމަކީ ބޭންކުގެ ބްރާންޗްތައް މުޅި ރާއްޖެއަށް ފެތުރިފައި ވާއިރު، އެކުންފުނީގެ ބްރާންޗްތައް މެދުވެރިކޮށް ރައްޔިތުންނާއި ވީހާވެސް ގާތުން އިންޝުއަރެންސްގެ ހިދުމަތްތަށް ފޯރުކޮށްދިނުން ކަމަށް ހީލީ ވިދާޅުވިއެވެ.ބީއެމްއެލް އިންޝުއަރެންސް ދަށުން ފޯރުކޮށްދޭ އިންޝުއަރެންސް ޕޮލިސީތަކަކީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އިން ޒިންމާ ނަގާގޮތަށް އެކުންފުނިން ފޯރުކޮށްދޭ ޕޮލިސީތަކެކެވެ. އެގޮތުން އެކި ބޭނުމަށް ފަރުމާކުރެވިފައިވާ 6 އިންޝުއަރެންސް ޕްލޭން މި ސްކީމްގެ ދަށުން ފޯރުކޮށްދޭނެ ކަމަށް ބޭންކުން މަޢުލޫމާތުދެއެވެ. އޭގެތެރޭގައި ހޯމް ތަކާފުލް، މޮޓޯ އިންޝުއަރެންސް، މޯގޭޖް ޕްރޮޓެކްޝަން ޕްލޭން، އިންޑިވިޖުއަލް ޓަރމް އިންޝުއަރެންސް، ފަޔަރ އަދި މެރައިން ހަލް އިންޝުއަރެންސް ހިމެނެއެވެ. އަދި މިއިން ކޮންމެ އިންޝުއަރެންސް ޕްލޭނެއްވެސް އެ ކަސްޓަމަރެއްގެ ބޭނުންތަކާ އެއްގޮތަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ބޭންކުން މަޢުލޫމާތުދެއެވެ. ބީއެމްއެލް އިންޝުއަރެންސް ގެ ހިދުމަތް ބޭންކުގެ 27 ބްރާންޗެއް މެދުވެރިކޮށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.