ޚަބަރު

ސީއެސްސީގެ ރައީސަކަށް ނާސިހު، ނައިބް ރައީސަކަށް އިބްރާހިމް ރަޝީދު


ސިވިލް ސަރވިސް ކޮމިޝަންގެ ރައީސަކަށް، ނާސިހު ނައިބް ރައީސަކަށް އިބްރާހިމް ރަޝީދު ކަނޑައަޅައި މަޖިލީހުން ފާސްކޮށްފިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ޤާނޫނުގައިވާ ގޮތުގެ މަތީން ކޮމިޝަންގެ މެމްބަރުކަމަށް މަޖިލީހުން ރުހުން ދެއްވި ބޭފުޅުންގެ ތެރެއިން ކޮމިޝަންގެ ރައީސާއި، ނައިބް ރައީސަކު ކަނޑައަޅަންޖެހެނީ ރައްޔިތުންގެ މަޖިލީހުންނެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޝަންގެ މިހާރު ތިއްބެވި 5 މެމްބަރުންގެ ތެރެއިން ރައީސް އާއި ނައިބް ރައީސްކަމަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ރައީސްކަމަށާއި ނައިބް ރައީސްކަމަށް ނަން ހުށަހަޅުއްވާފައިވަނީ ހެންވޭރު ދެކުނު ދާއިރާ މެމްބަރު ޙުސައިން ޝަހީމެވެ.

ރައީސްކަމަށް ޝަހީމް ހުށަހެޅުއްވީ މުހައްމަދު ނާޞިހުގެ ނަމެވެ. ނައިބް ރައީސަކަށް ހުށަހެޅުއްވީ އިބްރާހިމް ރަޝީދުގެ ނަމެވެ. މިދެބޭފުޅުންގެ ތެރެއިން ކޮމިޝަންގެ ރައީސް ކަމަށް މުހައްމަދު ނާސިހުއަށް ވޯޓް ދެއްވީ 68 މެމްބަރުންނެވެ. ނައިބް ރައީސްކަމަށް އިބްރާހިމް ރަޝީދަށް ވޯޓު ދެއްވީ 68 މެމްބަރުންނެވެ.

ސީއެސްސީގެ ހުސްވެފައިވާ 4 މަޤާމަށް މެމްބަރުން ކަނޑަޅައި މަޤާމް ހަވާލުކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މަޖިލީހުން ސީއެސްސީގެ ހުސްވެފައިވާ 4 މަޤާމަށް މެމްބަރުން ހަމަޖެއްސުމާއި ގުޅިގެން މިހާރު ސީއެސްސީގެ ޤާނޫނީ މެމްބަރުންގެ އަދަދު ވަނީ ހަމަވެފައެވެ.