ޚަބަރު

ތެޔޮޓޭންކަރުގައި ރޯވި އަލިފާންގަނޑު ނިއްވާލައި ރައްކާތެރިކަން ވަނީ ކަށަވަރުކޮށްފި


ސްރީލަންކާ ކައިރިން ދަތުރުކުރަނިކޮށް އަލިފާން ރޯވި ތެޔޮ ޓޭންކަރުން އަލިފާން ނިވާލައި ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރެވިފައި ވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ސްރީލަންކާ ކައިރިން ދަތުރުކުރަނިކޮށް އަލިފާން ރޯވި ތެޔޮ ޓޭންކަރުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް އޮތްތޯ ބެލުމަށް އެމްއެންޑީއެފުން ވަނީ ސަރަހައްދީ ޤައުމުތަކުގެ އަސްކަރިއްޔާއާއެކު މަސައްކަތްކޮށްފައެވެ.

ރާއްޖޭގެ ޑިފެންސް ޑިޕްލޮމަސީގެ މަޢުލޫމާތު ނޫސްވެރިންނާއި ހިއްސާކުރައްވަމުން އެމްއެންޑީއެފް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ، އެންސީޓީސީގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ, މިދިޔަ ހަފްތާގެ ތެރޭގައި ލަންކާ ކައިރިިން ދަތުރުކުރަނިކޮށް އަލިފާން ރޯވި ތެޔޮ ޓޭންކަރުގެ ހާދިސާއިންވެސް އަސްކަރީގޮތުން ސަރަހައްދީ އެއްބާރުލުމުގެ މުހިންމުކަން ފެނިގެން ގޮސްފައިވާކަމަށެވެ. ޒަކަރިއްޔާ މަންސޫރު ވަނީ މި އަލިފާންގަނޑު އެއްކޮށް ނިއްވާލާ ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާކަމަށް ވިދާޅުވެފައެވެ. މި މަސައްކަތުގައި ލަންކާ ކޯސްޓް ގާޑާއި، އިންޑިއާ އަދި ރަޝިއާގެ މަނަވަރުތަކުން ވަނީ ހަރަކާތެރިވެފައެވެ. ޒަކަރިއްޔާ މަންސޫރް ވަނީ މި ތެޔޮ ޓޭންކަރުން އެއްވެސް ވަރަކަށް ތެޔޮ ލީކްވީ ކަމުގެ މަޢުލޫމާތު މިހާތަނަށް ލިބިފައިނުވާކަމަށް ވިދާޅުވެފައެވެ.

މި ހާދިސާއާ ގުޅިގެން ސަރަހައްދީ ރައްކާތެރިކަމަށް ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ނޫސްވެރިންނާއި ހިއްސާކުރައްވަމުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމް ވިދާޅުވީ، ތެޔޮ ޓޭންކަރުކައި ރޯވުމާއެކު ސްރީލަންކާ އާއި ސަރަހައްދީ އެހެން ޤައުމުތަކުން ވަރަށް ގާތުން ގުޅިގެން މަަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.

"މިދިޔަ ހަފްތާގެ ތެރޭގައި ލަންކާ ކައިރިިން ދަތުރުކުރަނިކޮށް އަލިފާން ރޯވި ތެޔޮ ޓޭންކަރުގެ ހާދިސާއިންވެސް އަސްކަރީގޮތުން ސަރަހައްދީ އެއްބާރުލުމުގެ މުހިންމުކަން ފެނިއްޖެ. މި އަލިފާންގަނޑު އެއްކޮށް ނިއްވާލާ ސަރަހައްދީ ރައްކާތެރިކަން ވަނީ ކަށަވަރުކުރެވިފައި" ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާގެ ޑިރެކްޓަރ މީޓިރޮލޮޖީ އަޙްމަދު ރަޝީދު މީގެ ކުރިން ވަނީ އަލިފާން ރޯވި ތެޔޮ ޓޭންކަރުން ރާއްޖެއަށް ނުރައްކާވުމުގެ ފުރުސަތު ކުޑަކަމަށް ވިދާޅުވެފައެވެ. އެގޮތުން އަލިފާނުގެ ހާދިސާއަށް ފަހު، އޮޔާއި ވައި ހުރި ގޮތާއި ކުރިއަށް އޮތް ދުވަސްތަކުގެ މޫސުން ލަފާކުރެވޭގޮތައް ބަލާއިރު، ބޯޓުން ތެޔޮ ލީކުވިޔަސް އެތެޔޮތައް ދަތުރު ކުރާނީ ރާއްޖެއާއި ދުރަށްކަމަށް އޭނާ ވިދާޅުވިއެވެ.

ސްރީލަންކާގެ ހަންބަންޓޯޓާގެ 25 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދަނިކޮށް އަލިފާން ރޯވި "އެމްޓީ ޑައިމަންޑް" ތެޔޮ ޓޭންކަރުގައި 270 ހާސް މެޓްރިކް ޓަނުގެ ސާފު ނުކުރާ ތެޔޮ ހުރިކަމަށް މަޢުލޫމާތު ލިބެއެވެ. ތެޔޮ ޓޭންކަރުގައި މަސައްކަތްކުރާ 22 ފަޅުވެރިންގެ ތެރެއިން 21 މީހުން ވަނީ ލަންކާ ކޯސްގާޑުން ސަލާމަތް ކޮށްފައެވެ. ލަންކާގެ ޚަބަރުތައް ބުނާގޮތުން 36 ގަޑިއިރުގެ މަސައްކަތައްފަހު އެ ޓޭންކަރުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާއިރު ލަންކާގެ ކޯސްޓް ގާޑުން ވަނީ ޓޭންކަރު އެގައުމުގެ އައްސޭރިފަށާއި ދުރަށް ގެންދިއުމުގެ މަސައްކަތް ފަށާފައެވެ.